އެމްޑީޕީގައި ތިބީ ކަސްތޮޅު އަޅުވާފައި ތިބި މެމްބަރުންތަކެއްތޯ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ސުވާލު އުފައްދައިފި އެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަމަށް ފާޅުގައި ވާހަކަދައްކަން ކެރޭ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާއި އެމަނިކުފާނު ދައްކަވާ ވާހަކަތަކަށް އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ފާޑުކިޔާ ބަސް ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ އިންތިއަށް ރޮޒައިނާ ވަނީ ދުވާލެއް ކުރައްވާފަ އެވެ.
ރޮޒައިނާގެ ސުވާލުގައި ވިދާޅުވެފައިވަނީ "އެމްޑީޕީއަކީ ކަސްތޮޅު އަޅުވާފައި ތިބި ބަޔަކު ތިބި ތަނެއްތޯ" އެވެ.
އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދި މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. ދެ ފެކްޝަން މެދުގައި ބަހުގެ ހަމަލާތަކެއް އަންނަނީ ދެމުންނެވެ.
އެމްޑީޕީގެ އެންމެ މުހިއްމު މަގުސަދަކަށް ވާންޖެހޭނީ ވެރިކަން ދެމެހެއްޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވުން އެކަމަށް ރައްދު ދެއްވާ އިންތި ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަށް އެއްވެސް މެމްބަރަކަށް ފާޑު ނުކިޔޭނެ ކަމަށެވެ.
ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން ތަހުގީގު ކުރިއަށްދާ ގޮތުންނާއި، އަދި ސަރުކާރުން މަޖިލީހަށް ހުށަހެޅި ނަފްރަތު ބިލަށް ސަރުކާރުން ތާއީދު ނުކުރުމުން ރައީސް ނަޝީދުވަނީ މިސަރުކާރަށް އެމަނިކުފާނުގެ އެއްވެސް ތާއީދެއް ނޯންނާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ސިޔާސީ ގޮތުން އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ސަރުކާރާއި ރައީސް ސޯލިހަށް ތާޢީދުކުރައްވާ މެމްބަރުން ގެންދަވަނީ ކޯލިޝަން ދެމެހެއްޓުމަށާއި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް އިސްކަންދެއްވާ ރައީސްގެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ދިފާއުކޮށް ވާހަކަ ދައްކަވަމުންނެވެ. އޭގެ ތެރޭގައި މެމްބަރު ރޮޒައިނާ ވެސް ހިމެނެ އެވެ
ހަމައެއާއެކު ރައީސް ނަޝީދަށް ތާޢީދުކުރައްވާ މެމްބަރުންވެސް ގެންދަވަނީ ސަރުކާރާއި ރައީސް ސޯލިހުގެ ދިފާއުގައި ވާހަކަދައްކަވާ މެމްބަރުންނަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ހިތާހިތުގެ ގުޅުން ކެޑެނީ. އަދި ކުރިއަށް. މަޖްލީސް ފެށުނީމާ ކަންތައް ހުނާނީ