ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަށް ޖާނުން ފިދާވެގެންވެސް ހަމަލާދޭން އެ މައްސަލާގައި ހައްޔަރުކުރި އަދުހަމް އަހްމަދު ރަޝީދު ހުރީ ތައްޔާރަށް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދުއަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ އަތަމާ ޕެލެސް ގޯޅިގަނޑު ތެރޭގައި ހުރެ ބޮން ގޮއްވާލި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ ރައީސް ނަޝީދުއަށް ހަމަލާ ދިނުމަށް 2019 ވަނަ އަހަރުން ފެށިގެން ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުالله ރިޔާޒް ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން މީގެ ކުރިންވެސް ރާވާފައިވާ ކަމަށެވެ. އެގޮތުން ޔާގޫތުގެ ސަރަހައްދާއި މެރީ ބްރައުން ސަރަހައްދުވެސް ރައީސް ނަޝީދު އަވަހާރަކޮށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

މިހަމަލާ ރާވާފައިވަނީ ރައީސް ނަޝީދަކީ އިސްލާމް ދީނުން ބޭރުވެފައިވާ މީހެއް ކަމަށް އެމީހުން އަމިއްލައަށް ނިންމައިގެން ކަމަށް ރިޔާޒް ފާހަގަ ކުރެއްވި އެވެ. ރިޔާޒް ވިދާޅުވި ގޮތުގައި މިހަމަލާ ރޭވުމުގައި ހުސް ހަރަކާތެރިވެފައިވަނީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރާއި ވިސްނުން ކުރިއަށް ނެރޭ މީހުން ކަމަށެވެ.

"ހަމަލާ ދިން ފަރާތްތަކުން ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކޮށްފައިވަނީ ހަމަލާ ދިން މީހުންގެ ވިސްނުމާއި ގަބޫލު ކުރުންތަކުގައި އެމަނިކުފާނަކީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްކަމުގައި ކަނޑައަޅާ އެމަނިކުފާނުގެ ލޭ ހުއްދަ ވެފައިވާކަމަށް ނިންމައިގެން ކަން ތަހްގީގަށް ފާހަގަ ކުރެވޭ" ރިޔާޒް ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހަތަރު މީހަކަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުއްވާފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ. މިހާރު ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި މިހަމަލާ ދިނުމަށް ރޭއްވި މީހުންނާއި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންވެސް ހިމެނޭ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.