ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ހަމަލާ ދިނުމުގައި ފަންޑު ކުރި ބަޔަކު ނެތް ކަމަށް ފުލުހުން ބުނުމުން ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ލިބިފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި، މި ހަމަލާ ދިނުމުގައި ބައިވެރިވި މީހުނަށް މީހަކު ނުވަތަ ބަޔަކު ފައިސާގެ އިނާމެއް ހުށަހެޅިކަން ގަބޫލު ކުރެވޭ ވަރުގެ ހެއްކެއް އަދި ފެނިފައެއް ނުވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، 317 އަށް ވުރެ ގިނަ ބޭންކް ސްޓޭޓްމަންޓް ބަލާފައިވެ އެވެ. އަދި މި ހަމަލަ އަށް ފައިސާ ހޭދަކޮށްފައިވޭތޯ ބަލަން މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް މެދުވެރިކޮށް ވެސް އެނަލައިސިސްތަކެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ އެ ގޮތަށް ރައީސް ނަޝީދަކީ ވަރަށް ފާޅުގައި ކޮރަޕްޝަނާ ދެކޮޅަށް ވާހަކަ ދައްކަވާ، ދީނީ ހަރުކަށި ފިކުރުގެ ކަންކަމާ ގުޅޭ ގޮތުން އަޑު އުފުއްލަވާ ބޭފުޅަކަށް ވާތީވެ، މި ބާވަތުގެ ކަންތައްތަކާ ގުޅުން ހުރި ބަޔަކު މި ފަދަ ކަމަކަށް ފައިނޭންސް ކޮށްފައި އޮވެދާނެތޯ ބެލުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ވެސް އަޅުގަނޑުމެން ތަހުގީގުގައި ބަލަމުން މި އައީ،" ރިޔާޒް ވިދާޅުވި އެވެ.
ފުލުހުން ދެއްކި ވާހަކަތަކާ ގުޅިގެން މެމްބަރު ވަހީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ އެއްވެސް ވަޒީފާއެއް އަދާ ނުކުރާ ބަޔަކު ވެހިކަލް ގަނެ، ގެސްޓް ހައުސްއައި އެޕާޓްމަންޓްތައް ހިފައިގެން އެތައް ދުވަހެއް ހޭދަކުރި ކަން ފެންނަން އެބަ އޮތް ކަމަށެވެ.
"އެއްވެސް ވަޒީފާއެއް އަދާނުކުރާ ބަޔަކު ވެހިކަލް ގަނެ، ގެސްޓްހައުސް/އެޕާޓްމެންޓްތައް ހިފައި، އެތައް ދުވަހެއް ވަންދެން އެތައް ރޭވުމެއް ރޭވުމުގައި ދެމިތިބިކަން ތަހުގީގަށް އެނގޭއިރު، މިކަމަށް ފަންޑުކުރި ބަޔަކު ނެތްކަން ދައްކަން ވާހަކަ ދެއްކުމުން ސުވާލު އުފެދޭ!" ރައީސް ނަޝީދުގެ ލޯޔަލިސްޓް ވަހީދު ވިދާޅުވި އެވެ.
ފަންޑު ކުރި ބަޔަކު ނެތް ކަމަށް ބުނި ނަމަވެސް ސަރުކާރުން ކޮވިޑާ ގުޅިގެން ދޫކުރި އިންކަމް ސަޕޯޓް އެ މީހުން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެންސްޕާ ފަދަ އިދާރާތަކަށް އެހީތެރިކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުރީގެ ރައިސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފައިވާއިރު މިހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުންގެ މައްޗަށް ވަނީ ދައުވާ ކުރުމަށް ފޮނުއްވާފަ އެވެ. މިހަމަލާ ރޭވުމުގައި އިސް މީހެއް ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.
ބޮމުގެ ހަމަލާއިން ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވި އެވެ. އަދި ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ދޮޅު މަހެއްހާ ދުވަހު ފަރުވާ ހޯދެއްވި އެވެ. މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެއީ ވެސް އިތުރު ފަރުވާއަށް ކަމަށް އާއިލާއިން ބުނެ އެވެ.