ރަހީނުކޮށް، މަރާލާފައި އޮތްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ 13 އަހަރުގެ ކުއްޖާ މަރާލި މައްސަލާގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. 17 އަހަރުގެ ކުއްޖާގެ ބަންދު އިތުރުކުރީ ކުރިން ދީފައިވާ ބަންދުގެ މުއްދަތު ހަމަވުން ބަންދާ ގޮތަށް ނިންމުމަށް މިމަހުގެ 20 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. އޭނާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.

ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އަނބުރާ ރާއްޖެ ގެނެސް މިހާރު ވަނީ ވަޅުލައިފަ އެވެ. އަދި ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓު މިހާރު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.