މިސަރުކާރުން ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 56 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މި ގައުމުގެ މިނިވަން ކަމުގެ މައިގަނޑު އަސާސަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ބަހާއި ދިވެހި ރީތި އާދަތަކާއި ސަގާފަތް ކަމަށެވެ.
މިއީ އެއްވެސް ކަމަކަން އުނިކަމެއް އަންނަ ކަމެއް ރައީސް ސޯލިހުގެ ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރު ދެމި އޮންނާނީ ރައްޔިތުންގެ އެއްބައިވަންތަކަމާއި ރައްކާތެރިކަމާއި އަދި ސަލާމަތްކަން ކަށަވަރު ކުރުމަށެވެ.
"މި ސަރުކާރު ދެމި އޮތްހާ ހިނދަކު މާތްﷲގެ ރަހްމަތާއެކުގައި މިއިން އެއްވެސް ކަމަކަށް ބުރޫއަރާކަށް ފުރުސަތެއް ނުދޭނަން. އަދި މި މަސައްކަތުގައި ބޭރުގެ ފަރާތަކުންވިއަސް އަދި އެތެރޭގެ ބާރުތަކުންވިއަސް މިކަމަށް ބުރޫއަރާ ގޮތައް ކުރެވޭ ކޮންމެ ކަމެއް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުއްޓުވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިވަން ކަމަކީ އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަށްޓަކައި ކާބަފައިން ގެނެސްދީފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. އަދި މިނިވަންކަން ހިމާތްކުރެވޭނީ ގައުމިއްޔަތުގެ އަސާސްތައް ހިމާތްކުރެވެގެން ކަމަށާއި މި ސަރުކާރު ދެމި އޮންނާނީ އެ އަސާސްތައް ހިމާތްކުރުމުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ދައުލަތުގެ އިސްވެރިންނާއި ބޭރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކަލޮއަކަށް ކަލޯގެ އަމިއްލަ ނަފްސުގެ މިނިވަންކަން ވެސް ހިމާޔަތެއް ނުކުރެވުނު މީހަކު ގައުމެއް ހިމާޔަތް ކުރާނީ ކިހިނެއް