އެމްޑީޕީގެ ތެރޭގައި މިހާރު ގިނައީ އެހެން ފިކުރުގެ މީހުން ކަމަށާއި އެކަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގަބޫލުކުރައްވަން ޖެހޭ ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ލިބިދީފައިވާ ބާރެއް ކަމަށާއި އެހެންކަމުން އެކަމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރެވިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވި ވާހަކަތަކާއި ގުޅިގެން މަލީހު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ޑީއާރުޕީގެ ކަތުރުފަނި މާބޮޑުކޮށް ވެސް އެމްޑީޕީގައި އަޅައިފިކަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގަބޫލުކުރައްވަންޖެހޭ ކަމަށެވެ. މިހާރު އެމްޑީޕީގެ ތެރޭގައި އެހެން ފިކުރުގެ މީހުން ގިނަ ކަމަށާއި އަލުން ބާރުތައް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

"ޑީއާރުޕީގެ ކަތުރުފަނި މާބޮޑުކޮށް ވެސް އެމްޑީޕީގައި އަޅައިފިކަން ރ. ނަޝީދު މިއަދު ގަބޫލުކުރައްވަންޖެހޭ. އެމްޑީޕީގެ އެތެރެ ކޮއިލުގައި މިހާރު ގިނައީ އެހެންފިކުރުގެ މީހުން. އެއީ އޮޕޯޗުނިސްޓުން. ދައްކަވަން ހުރިތަނެއް ދައްކަވާނެ. މާބޮޑަށް ލަސްވީ. ކުއީން ހޯއްދަވާ،" މަލީހް ވިދާޅުވި އެވެ.

އެ ގަރާރުގައިވާ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ އެމްޑީޕީން ދެކޭގޮތެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަނީ ޓެރަރިސްޓުން ހައްޔަރުކުރަން ފުލުހުންނަށް މަގުފަހިކޮށްދިނުމަށް ކަމަށް އެ ގަރާރުގައިވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި 147 މެމްބަރުން ތިއްބަވާއިރު، އެ ގަރާރަށް ވޯޓު ދެއްވީ 39 މެމްބަރުންނެވެ.

ރައީސް ނަޝީދު ހުށަހެޅި ގަރާރަށް ފާސްކޮށްފައިވަނީ އެމަނިކުފާނަށް ތާއީދުކުރާ މަދު މެމްބަރުނާއެކު ބޭއްވި ބައްދަލުވުމުގައިކަން ފާހަގަ ކޮށްލެވެ އެވެ. އަދި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރު މި ޖަލްސާ ބައިވެރިނުވެ އެވެ.