އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް މިހެން ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވުމަށް އޭނާ އިސްކޮށް ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަސައްކަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ނާޒިމް ވިދާޅުވި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ތެރޭގައި އޮންނަ ޕްރައިމަރީއަކުން ކަމަށާއި އެ ޕްރައިމަރީގައި އޭނާ ވާދަކުރައްވާނެ ކަމަށެވެ. އަދި އެ ޕްރައިމަރީއާ ހަމައަށް އެ ޕާޓީއާ ގުޅިވަޑައިގެން މަސައްކަތްކުރައްވާ ބޭފުޅުންނަށް ވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މަސައްކަތްކުރެއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބުގައި މި ޕާޓީން ނުކުންނާނީ ސީދާ އަޅުގަނޑެއް ނޫން. ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓާއެކު އަޅުގަނޑުމެން ނުކުންނާނީ. ދެން އަޅުގަނޑުގެ ޝައުގުވެރިކަން އެބަ އޮތް ޕްރައިމަރީގައި ވާދަކުރަން،" ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ކާނަލް ނާޒިމް ވިދާޅުވީ އެ ޕާޓީގެ ޕާޓީގެ މައިގަނޑު މަގްސަދަކީ ރިޔާސީ އިންތިޚާބުގައި ވާދަކޮށް އިންތިޚާބު ކާމިޔާބުކުރުން ކަމަށެވެ. އަދި އަލަށް ޕާޓީއެއް އުފައްދަން ޖެހުނީ ރާއްޖޭގައި މިވަގުތު އޮތް އެއްވެސް ސިޔާސީ ޕާޓީއަކުން ރައްޔިތުން އެދޭ ގޮތަށް މަސައްކަތްކުރާ މަންޒަރު ނުފެންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕާޓީން މަސައްކަތްކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، އަދި އެޕާޓީގެ ވެރިކަމެއްގައި ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ވެސް އެމްއެންޕީގެ ވެރިކަމެއްގައި ބާތިލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާނަލް ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދާ ޕާޓީގައި މަޖިލިސް އިތުރު މެމްބަރުންތަކެއް ހިމެނެ އެވެ. އެއީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.