ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮބައިކަން ބުނެދީ، އެ ފިކުރުގެ ނުބައި މަފްހޫމްތަކުގެ ހަގީގަތް ރަނގަޅަށް ކިޔައިދީގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަން ކުރެއްވި ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރުމުން ވަރަށް މުހިންމު ކަމަށެވެ. އަދި ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮބައިކަން ރަނގަޅަށް ބުނެދެވިގެން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ ގާނޫނުލް އުގޫބާތަށް ހަމައެކަނި ބަދަލު ގެނެސްގެން ހަރުކަށި ފިކުރު ނައްތައި ނުލެވޭނެ ކަމަށާއި މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނީ އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ މަސައްކަތްތަކެއް ކޮންގެން ކަމަށެވެ.
ހަރުކަށު ފިކުރާ ދެކޮޅަށް ސަރުކާރުގެ މުއައްސަސާތަކުން ކުރަމުންގެންދާ ކަންކަމަށް އެހީތެރިކަން ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަހީމް މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މޭ މަހު ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީގައި ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތް މިންވަރު ފާހަގަ ކުރައްވާފަ އެވެ.
ސަލާމަތީ ހިދުމަތްދޭ ފަރާތަކުން ބުނެފައި ވަނީ މީހުން މެރުމަށް ފަސްނުޖެހޭ އެތައް ބަޔަކު ރާއްޖޭގައި އުޅޭ ކަމަށެވެ. ހަރުކަށި ފިޖުރު ހުއްޓުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.