ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދެ މަގާމެއް ނުފުރުއްވޭނެ ކަމަށާއި ދެ މަގާމު ފުރުއްވަމުންދަނީ ގާނޫނާއި ޚިލާފަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ފެށި ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ނައިބު ރައީސް ޖަމީލް ވިދާޅުވީ މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް، އިތުރު އެއްވެސް މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާކުރުން ގާނޫނު އަސާސީން މަނާ ކުރާ ކަމަށެވެ.
އެހެން ކަމުން ޝާހިދު މިވަގުތު އެ ހުންނެވީ ގާނޫނު އަސާސީ އާއި ހިލާފުވެވަޑައިގެން ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރއްޔާއެއް ކުށްވެރިއެއް ނުވޭ. ވަޒީރުންގެ މަޖިލީހުން ކުށްވެރިއެއް ނުވޭ. ގާނޫނު އަސާސީގެ 136 ވަނަ މާއްދާ ބައްލަވާލައްވާ. ވަޒީރަކު ވަޒީރުކަމުގައި ހުންނަވައިގެން އިތުރު އެއްވެސް އެހެންކަމެއް ކޮށްގެންނެއް ނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ރައީސް ސޯލިހު އަމަލުކުރައްވަމުން ގެންދަވާތީ މިސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއްކަން ހާމަވާ ކަމަށެވެ.
މިނިސްޓަރު އަބުދުﷲ ޝާހިދަށް ފާޑުވިދާޅުވަމުން ޖަމީލު ވިދާޅުވީ ގައުމުގެ މިނިވަންކަން ނިގުޅައިގަނެ، އޭގެ އެންމެ ކުރީގައި ތަޅުދަނޑި ހިފައިގެން ހުންނެވީ ޝާހިދު ކަމަށެވެ،
އދ. ގެ 76ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ހޮވިވަޑައިގަތީ، އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލާ ވާދަކުރައްވާ، އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން 143 ގައުމުގެ ވޯޓާއެކު އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ. ގެ މިހާ މަތީ މަގާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
އދ. ގެ ޢާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ. ކޮންމެ އަހަރަކު ވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެ ވެސް އެއް ސަރަހައްދަކުންނެވެ. މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.
އދ ކޮމިޓީ މުގައްރިރުކަން ލިބުމަކީ އެހާ ބޮޑުކަމެއްނޫން !