ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށާއި ފިނިޝިންގެ މަސައްކަތް ނިންމާ މުއްދަތު އިތުރު ކުރުމަށް ގޮވާލާ ތައްޔާރުކުރި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް ހުށަހަޅައިފި އެވެ.

ހިޔާ ފްލެޓް ލިބުނު މީހުން އުފައްދާފައިވާ ހިޔާ ޔޫނިއަން އިސްވެ އޮވެ ތައްޔާރުކުރި ޕެޓިޝަނުގައި 2،177 ފަރާތަކުން ސޮއި ކޮށްފައިވާއިރު އެ ޕެޓިޝަނުގައި އެދިފައިވަނީ 5،600 ރުފިޔާއަށް ކުޑަކޮށްދީ، އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް ހަދައިދިނުމަށެވެ. އަދި ޖުމްލަ އަގުން އިންޓީރިއާ އަށް ހޭދަވާ 100،000 ރުފިޔާ މައާފުކޮށްދިނުމަށް ވެސް ޕެޓިޝަނުގައި ވަނީ އެދިފަ އެވެ.

މީގެ ކުރިން މިޕެޓިޝަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައި ވީނަމަވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާތީ ހިޔާ ޔޫނިއަންގެ ފަރާތުން މިޕެޓިޝަން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމަށް ހުށަހަޅާފައި އެވެ.

ޔޫނިއަންއިން ބުނީ އާޒިމަށް ޕެޓިޝަން ހުށަހެޅީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅައި، ކޮމެޓީ މަރުޙަލާއިން ގޮތްތަކެއް ނިންމައި މަޖިލިސް ތަޅުމުން މިކަމާއި ގުޅިގެން ގޮތެއް ކަނޑައަޅައިދިނުމަށް އެދި އެވެ.

ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހާސިލް ނުކުރެވޭނޭ އެއްވެސް ކަމަކަށް ޔޫނިއަންއިން އެދިފައި ނުވާނެ ކަމަށް ވެސް އެ ޔޫނިއަން އިން ބުންޏެވެ.

ހިޔާ ޔޫނިއަންގެ ފަރާތުން ޕެޓިޝަނެއް މަޖިލީހުގެ މެޖޯރެޓީ ލީޑަރަށް ހުށަހެޅިއިރު މީގެ ކުރިން އާޒިމް ވަނީ ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

އެޗްޑީސީން މިހާރު އަންނަނީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކާ މެދުގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތެވެ. އެހެން ނަމަވެސް އަދި ފްލެޓްތަކަށް ކަރަންޓް ލެވިފައިނުވާތީ ފްލެޓްގެ ފިނިޝިން މަސައްކަތް ވަނީ ނުފެށިފަ އެވެ.