މީޑިއާނެޓްގެ އޮރިޒިނަލް ވެބް ސީރީޒް "ގާލްފްރެންޑްސް" މިމަހުގެ 12 ވަނަ ދުވަހު ޕްރިމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.

ކްރައިމް ތުރިލާ ޖޯންރާއަށް ހެޔޮވަރުކޮށްގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ވެބް ސީރީޒް "ގާރލް ފްރެންޑްސް" މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމުތަކުން ޕްރިމިއާކުރާނީ މިމަހުގެ 12 ވާ ބުރާސްފަތި ދުވަހު އެވެ.

އޯކޭޒް އިންކްއިން ޕްރޮޑިއުސްކުރާ "ގާލްފްރެންޑްސް" ގައި އައިޝާ އަލީ، މައިހާ، އައިޝަތު ލަހުފާ (ލަހޫ) ގެ އިތުރުން އަހުމަދު ޝާރިފް ލީޑުން ފެނިގެންދާނެ އެވެ.

ޓްރައިލާއިން ފެނިގެންދާ ގޮތުގައި މި ސީރީޒްއިން ދައްކައިދޭނީ މާލޭގެ ކުޑަކުޑަ ކޮޓަރިއެއް ކުއްޔަށް ނަގައިގެން އެކުގައި ދިރިއުޅެމުން އަންނަ ތިން އަންހެން ކުދިންގެ ދިރިއުޅުމަށް ކުރިމަތިވާ ކަންތަކެކެވެ.

މުހައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓެކަށް މިވެބް ސީރީޒްގެ ސްކްރީންޕްލޭ ލިޔުނީ ރާއްޖޭގެ އެންމެ މަޝްހޫރު ސްކްރީން ރައިޓަރު މަހްދީ އަހްމަދު އެވެ.

މުޖުތަމައި ތެރޭގައި މިހާރު ޖެހޭ ބޮޑެތި މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާ ތައްޔާރުކުރާ ވެބް ސީރީޒުން ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ކެމަރާމަން އަދި ޑައިރެކްޓަރު އިބްރާހިމް ވިޝާން (ކަނޑި) އެވެ.

"ގާލްފްރެންޑްސް" ގެ ތީމް ލަވަ ނެރެފައިވާއިރު އެ ލަވައަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.