ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ފެސިލިޓީއެއް ހެދުމުގެ ފުރުސަތު ދީފިނަމަ އެކަމުން ލިބޭ ހިއްޗަކީ ދުވަހަކު ވެސް ނުފިލާނެ ވޭންހުރި ކަމަކަށްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު މިހެން ވިދާޅުވީ މޮރިޝަސްގެ ރަށެއް ކަމުގައިވާ އަގެލޭގައި އިންޑިއާއިން ސިއްރިއްޔާތުގައި އަސްކަރީ ބޭސްއެއް ހަދަމުން އަންނަކަން އަލްޖަޒީރާގެ އައި ޔުނިޓުން ހިންގި ތަހުގީގަކުން ހާމަވެފައިވާކަމަށް ބުނުމުންނެވެ.

ސައީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ބައިވެރިންގެ އެއްބަސްވުންތަކުން މުޅި ރާއްޖެ ގުރުބާން ކޮށްފައިވާ ކަމަށާ އެފަދަ މިލިޓަރީ ބޭސްއެއް ރާއްޖޭގައި އަޅައިފިނަމަ އޭގެ ހިތި ދުވަހަކު ވެސް ނުފިލާނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި އަސްކަރީ ބޭހެއް ތަރައްގީކުރާނީ "ބަހުން ބަހަށް" އެވާހަކަ ބުނެފައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާއިން މޮރިޝަސްގެ އަގޭލޭގައި އަސްކަރީ ބޭހެއް ތައްޔާރުކުރަމުން އައީ ވެސް ސިއްރިއްޔާތުގައި ކަމަށް އަލްޖަޒީރާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެން ނަމަވެސް މޮރިޝަސްގެ ސަރުކާރާއި އިންޑިޔާއިން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު އިންޑިއާ ދެމެދު އަންނަނީ ގާތްގުޅުމެއް ބާއްވަމުންނެވެ. އަދި މިސަރުކާރުން އިންޑިއާ ދެމެދު ގިނަ އެއްބަސްވުންތަކެއް ހަދާފައިވާއިރު އެ އެއްބަސްވުންތަކުގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފަ އެއް ނުވެ އެވެ.

އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުމުތަކުގެ މައުލޫމާތު ހޯދަން އުޅުމުން އެ މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށް ސަރުކާރުގެ އިދާރާތަކުން ވަނީ ބުނެފަ އެވެ. އެއީ އެކަމުގެ ސަބަބުން ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ބުނެ އެވެ.