މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި އިންޑިއާއިން ސިއްރު އަސްކަރީ މަރުކަޒެއް ހެދެމުގެ މަސައްކަތް ކުރާ ކުންފުންޏަކީ ވެސް ރާއްޖޭގައި ތަރައްގީގެ މުހިއްމު މަޝްރޫއުތަކެއް ހިންގާ ކުންފުންޏެކަން ހާމަވެއްޖެ އެވެ.

އަލްޖަޒީރާއިން އާންމުކުރި އިންވެސްޓިގޭޓިވް ރިޕޯޓްގައި ބުނީ މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ކަމަށް ބުނެ އިންޑިއާއިން އެ ރަށުގައި ދަނީ އަސްކަރީ މަރުކަޒެއް ގާއިމުކުރަމުން ކަމަށެވެ. އަދި އެމަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުނި އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ އެވެ. އަދި އެއީ 250 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ބުނެފައިވެ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ އިންޑިއާ ކުންފުނިތަކަށެވެ. އެގޮތުން އެފްކޯންސް ކުންފުންޏަށް މިދިޔަ ފެބްރުއަރީ މަހު ވަނީ އައްޑޫ ސިޓީގެ މަގުހެދުމުގެ ބިޔަ މަޝްރޫއު 1.1 ބިލިއަން ރުފިޔާއަށް ހަވާލުކޮށްފަ އެވެ. އެއީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އަދި އައްޑޫގައި ގާއިމްކުރާ ޕޮލިސް އެކެޑެމީ ވެސް މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުންޏެކެވެ.

މީގެ އިތުރުން އިންޑިއާއިން އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ވެސް އެޅުމަށް ދާދި ފަހުން ވަނީ ނިންމާފަ އެވެ. އެ މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު "ސޭވް އައްޑޫ"ގެ ނަމުގައި ވެސް ބޮޑު ކެމްޕޭނެއް ހިންގަމުންދާއިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު ކެމްޕޭނެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ހިންގަމުންނެވެ.

މިސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖްގެ މަޝްރޫއު ވެސް ކުރިއަށް ގެންދަނީ އިންޑިއާގެ މާލީ އެހީތެރިކަމާއެކުގަ އެވެ. އަދި މިމަޝްރޫއު ހަވާލުކުރުމަށް ނިންމާފައި ވަނީ އެފްކޯންސް ކުންފުންޏާ ކަމަށް މައުލޫމާތު ލިބެ އެވެ.

އޭގެ އިތުރުން އުތުރު ތިލަފަޅުގައި އިންޑިއާ ސަރުކާރުން ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީކުރުމަށް ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއީވެސް އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަށް ކުރާ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.

އިންޑިއާ އިން ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވުމަށް އަދި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓު ކުރުމަށް ކަމަށް ބުނެ ސިފައިން ބައިތިއްބާތީ ދިވެހިން ވެސް ކަންބޮޑުވުން ފާޅުކުރެ އެވެ.

އޭގެ އިތުރުން ރާއްޖޭގައި މުހިންމު ތަރައްގީގެ މަޝްރޫއުތައް ހިންގުން ފަދަ ކަންކަމަކީ އެ ގައުމުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން ކުރާ ކަންކަން ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.