މާލެ ސިޓީ ބްލޮކްތަކަކަށް ބަހާލައި ކޮންމެ ބްލޮކަކަށް ވެރިޔަކު އައްޔަންކުރާއިރު، އެ މަގާމަކީ މުސާރަ ލިބޭ މަގާމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްލޮކްތަކަށް ނަގާ ވެރިންނަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދްމަތް ދިނުމަށްޓަކައި، އެ ބްލޮކްގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބްލޮކްގެ ރައްޔިތުން ހޮވާ މީހެއް ކަމަށެވެ. އަދި ބްލޮކަށް ނަގާ ވެރިމީހާ ކުރާނެ މަސައްކަތަކީ ކައުންސިލަރާއި މޭޔަރަށް ބްލޮކްގެ ގޭގޭގެ ފަރާތުން އެންމެފަހުގެ މަޢުލޫމާތު އަވަސްކޮށް ހިއްސާކުރުން ފަދަ ކަންކަންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ބްލޮކްގެ ރައްޔިތުން ހޮވާ އެ ބްލޮކްގައި ދިރިއުޅޭ ފަރާތެއް، ކައުންސިލަރާއި މޭޔަރަށް ބްލޮކްގެ ގޭގޭގެ ފަރާތުން އެންމެ ފަހުގެ މައުލޫމާތު އަވަސްކޮށް ޚިއްސާ ކުރުން ފަދަ ކަންކަން ކުރާނެ ފަރާތް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ބްލޮކްތަކަކަށް ބަހާލައި ކޮންމެ ބްލޮކަކަށް ވެރިޔަކު އައްޔަންކުރާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް އެއް މަސް ތެރޭގައި ނިންމުމަކީ ސިޓީ ކައުންސިލްގެ އަމާޒެއް ކަމަށެވެ.

ބްލޮކް ވެރިން ނެގުމަށް ހަމަޖައްސާފައި ވަނީ މާލެ ސިޓީ ކައުންސިލަށް ކައުންސިލަރުން ހޮވާ 18 ދާއިރާ އަށެވެ.

ބްލޮކް ވެރިން މަސައްކަތް ކުރާނީ އެ ދާއިރާއެއްގެ ކައުންސިލަރާ ގުޅިގެން ކަމަށާއި ބްލޮކްތަކުގެ ވެރިން ހޮވާނީ އެ ބްލޮކަށް ނިސްބަތްވާ ރައްޔިތުންގެ ފުރިހަމަ ހިޔާލާއި ބައިވެރިވުމާއި އަދި ގިނަ ރައްޔިތުން ބޭނުންވާ މީހާއަށް ބަލައިގެން ކަމަށް ވެސް މޭޔަރު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ކޮންމެ އަވަށަކުން އަވަށު ބޯޓުތަކެއް އެކުލަވާލުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

މާލެ ސިޓީގެ ތަރައްގީ ޕްލޭނުގައިވާ ކަންކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ކޮންމެ އަވަށެއްގެ ރައްޔިތުންނާ ވަކިން ބައްދަލު ކުރަން ނިންމައިފަ އެވެ.