ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ޖެހުމަށް ތައްޔާރުވުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުއްވި އެންގުމުގައި ބުނެފައި ވަނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމުގައި ބެލެނެވެރިންގެ އެއްވެސް އިއުތިރާޒެއް ނެތްކަން ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ. އަދި ކޮންމެ ސްކޫލެއްގައި ވެސް ކިޔަވާ 12 އަހަރުން މަތީގެ ކުދިންގެ ލިސްޓު އެ މިނިސްޓްރީއަށް ފޮނުވުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

ތައުލީމީ ދާއިރާ އަށް ހާއްސަކޮށްގެން ކޮވިޑް ވެކްސިން ކެމްޕެއިން އެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށައިފަ އެވެ.

"ދަރިވަރުންނަށްރައްކާތެރިކަން" ނަމުގައި މި ކެމްޕެއިން ފަށާފައި މިވަނީ އަންނަ ހަފްތާގައި ދިރާސާ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ކިޔަވައިދޭ އެންމެހާ ފަރާތްތަކާއި ސްކޫލު މާހައުލުގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތައް ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

މިނިސްޓްރީއިން ބުނެފައި ވަނީ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް އެންމެން ފުރިހަމަ ކުރުން މުހިއްމު ކަމަށެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ ހަފްތާގައި ފެށޭއިރު ދަރިވަރުންނަށް ކިޔަވައި ދޭނީ ދަރިވަރުން ސްކޫލުތަކަށް ގެންގޮސްގެންނެވެ.

އެޗްއީއޯސީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އިދާރާގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދަރިވަރުންނަށް ވެކްސިން ޖަހަން ހަމަޖައްސާފައި ވަނީ އެކަމަށް ހާއްސަކޮށްފައިވާ ސެންޓަރުތަކަށް ގެންގޮސްގެން ކަމަށެވެ. ރަށްރަށުގައި މި ފަށާނީ މާލޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ވެކްސިން ޖަހަން ފަށާތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ