ފުލުހުންގެ އާގާނޫނުގެ ދަށުން ފުލުހުންގެ ބޯޑުން ފުލުހުންގެ އިސް ހަތް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

މީގެ ހަތަރު މަސް ކުރިން އަމަލު ކުރަން ފެށި ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ފުލުހުންގެ ބޯޑުން ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޑެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި، އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުގައި ތިއްބަވަނީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަނާއި އައިޝަތު ނޫރާ މުހައްމަދާއި އެމްޑީޕީ ސަރުކާރުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ފާއިޒާއި އަހުމަދު ނާޝިދާއި އާދަމް އިބްރާހީމާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު ޢަބްދުލް ޣަފޫރާއި ރައީސް ނަޝީދުގެ ކުރީގެ ވަކީލު ސަފާ ޝަރީފް އެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީއާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ.

ނަމަވެސް މިކަން އަދި ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށެއް ނުދެ އެވެ.

ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރައްވާނީ ކޮމިޝަނަ އޮފް ޕޮލިސް އެވެ. ހަތް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުން އަދި ތަންފީޒު ކުރިކަމެއް ނޭނގެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ ނިންމުމެއް ނިންމި ކަމެއް އެ އިދާރާއަކަށް އަދި އަންގާފައިނުވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ މުޢައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.