ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުތު ހަމަވެފައިވާ މުވައްޒަފުންގެ ތެރެއިން ވެކްސިން ނުޖަހާ ފަރާތްތަކުން ޕީސީއާރު ޓެސްޓް ހެދުން ލާޒިމްކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ވެކްސިން ފުރިހަމަ ނުކުރާ މުވައްޒަފުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮފީހަށް ނިކުނަން ޖެހޭނީ ޕީސީއާރު ހައްދައި، އޭގެ ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކުރެވެންދެން ކޮންމެ ދެ ހަފްތާއަކުން ޕީސީއާރު ހަދާ ނެގެޓިވް ނަތީޖާ ހުޅައަޅަން ޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މިގޮތަށް ނިންމީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާތީ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.

ސަރުކާރުގެ ހުރިހާ އޮފީހަކުން މި ގަވާއިދަށް އަމަލުކުރާކަން ކަށަވަރު ކުރުމަށާއި ވެކްސިނަށް ޝަރުތު ހަމަވި ނަމަވެސް އެއްވެސް ޑޯޒެއް ނުޖަހާ މުވައްޒަފުން ވެކްސިން ޖެހުމަށް އެ ކޮމިޝަނުން ވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކަށް އިލްތިމާސް ކޮށްފަ އެވެ.

އެޗްޕީއޭ އިން ދާދި ފަހުން ވަނީ ކޮވިޑް ވެކްސިން ނުޖަހާ މީހުންނާ މެދު ތަފާތުކޮށް އަމަލުކުރަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި އާންމު ހިދުމަތްތައް ހޯދާ މީހުންނާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނަށް ވަކި ކަންތައްތަކެއް ޝަރުތުކުރުމަށް ހުއްދަ ދިނުން ހިމެނެ އެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ވެކްސިން ކަވަރޭޖް މަތިކޮށް، ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމުގެ މުޅިން އައު ޕްރޮގްރާމެއް ފަށާފަ އެވެ. މި ޕްރޮގްރާމުގެ ދަށުން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ 90 ޕަސެންޓަށް މިމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ރާއްޖެއިން ތައްޔާރުވެފައިވާއިރު، އެކަމަށް ބޭނުންވާ ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެއަށް ލިބިފަ އެވެ.