މާފަންނު ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްގީކުރުމުގެ ވިސްނުން ރައްޔިތުންގެ ޚިޔާލަށް، މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.
ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ތަރައްގީގެ ޕްލޭން ހުށަހަޅުއްވަމުން، ބޮޑުގޭ ގޯތީގައި ހަދާ އިސްލާމީ މަރުކަޒުގެ ކުރެހުން ރައްޔިތުންނާ ހިއްސާކުރައްވައި މޭޔަރު މުއިއްޒު ވިދާޅުވީ މިއީ ހަމައެކަނި ޚިޔާލެއް ކަމަށެވެ. އެހެން ނަމަވެސް މިކަން ފައިސަލާވެގެންދާނީ ރައްޔިތުން މިއާމެދު ދެކޭ ގޮތެއްގެ މައްޗަށް ބިނާކޮށް ކަމަށް މޭޔަރު ވިދާޅުވި އެވެ.
މި އިސްލާމީ މަރުކަޒަކީ ހަތަރު ބުރިއަށް އިމާރާތްކުރުމަށް ފަރުމާކޮށްފައިވާ ޒަމާނީ ފެންވަރުގެ ތަނެކެވެ.
މޭޔަރު ވިދާޅުވީ ބޮޑުގޭ ސަރަޙައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަޙައްދެއް ކަމަށާއި މިފަދަ ތަނެއް މިސަރަހައްދަށް ވަރަށް މުހިއްމު ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ ތެރެއިން ޚިޔާލުފާޅުކުރެއްވި ބައެއް ބޭފުޅުން ވަނީ މިގޮތަށް ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްގީކުރުމުގެ ޚިޔާލަށް ތާއީދުކުރައްވާފަ އެވެ.
މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ މާފަންނު ރައްޔިތުންގެ ބައްދަލުވުން ރޭ ބޭއްވީ ތާޖުއްދީން ސްކޫލުގެ ހޯލުގަ އެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ މާލޭގެ ތަރައްގީ ޕްލޭން ހުށަހެޅުއްވި އެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ބައެއް މަޝްރޫއުތައް ތަފްސީލް ކޮށްދެއްވި އެވެ. ޚާއްސަކޮށް މާފަންނަށް ހުރި މަޝްރޫއުތައް ހާމަކުރެއްވި އެވެ. އެގޮތުން ބޮޑުގޭގައި އިސްމީ މަރުކަޒެއް ތަރައްޤީކުރުމުގެ ޚިޔާލުގެ އިތުރުން ގަޑިބުރުގެ ގަޑި އަލުން އިއާދަކުރުމުގެ ޚިޔާލާއި، ކުރީގެ ރެންޓާލްސް ހުރި ތަނުގައި އޮތް ޕާކް ބުރިބުރިއަށް ނެގުމަށްފަހު ސައިކަލް ޕާކްކުރާތަނެއް ރެސްޓޯރެންޓަކާއެކު އަދި ތިރީގައި އަންހެނުންގެ މާރުކޭޓަކާއެކު ތަރައްގީކުރުމުގެ ޚިޔާލާއި، އެހެން ބައެއް ބިންތަކުގައި ގާޑަން ޕްލާޒާ ކޮންސެޕްޓައް ވިޔަފާރީގެ ބޭނުމާއި އިޖްތިމާޢި ބޭނުން ހިފޭ ތަންތަން ތަރައްގީކުރުމާއި، މަލްޓި ލޭޔާ ކޮންސެޕްޓައް ބައެއް ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ ޚިޔާލު ހުށަހެޅުއްވި އެވެ.
މާފަންނުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވި އެވެ.
މޭޔަރުގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް މި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާތަބުކުރެއްވި އެވެ.