އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށް ފައިޒާ ވެކްސިން ޖަހަން ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ސްކޫލް ކުދިންނަށް ފައިޒާ ވެކްސިން ޖަހަން ފަށާފައިވާއިރު އަތޮޅުތަކުގެ ސްކޫލު ކުދިންނަށް ވެސް ފާއިޒާ ވެކްސިން ޖެހުމަށް ވެސް ވަނީ ނިންމާފަ އެވެ. މާލެ އިތުރު މާލެ އަތޮޅުގެ ބައެއް ރަށްތަކުގައި ވެސް މިއަދު ފާއިޒާ ވެކްސިން އަންނަނީ ޖަހަމުންނެވެ.

ދަރިވަރުންނަށް ވެކްސިން ދިނުމުގެ ޕްރޮގުރާމު ފެއްޓެވުމަށްފަހު ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގެވުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހިކުމަތްތެރިކަމާއި ރޭވުންތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި އެއްވެސް ދަތިކަމެއް ނެތި ދަރިވަރުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މިއަދު 12 އަހަރު މަތީގެ ސްކޫލު ކުދިންނަށް ފާއިޒާ ވެކްސިން ޖެހުމުގެ ޕްރޮގުރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މީގެ އިތުރުން ނަސީމް ވިދާޅުވީ ވެކްސިން ދިނުމުގެ މަސައްކަތް ފެށި ގިނަ ބަޔަކަށް ވެކްސިން ދިނުމުން ބަލި ފެތުރޭ މިންވަރު މަދުވާނެ ކަމަށެވެ. އަދި ބަލިޖެހުނު ނަމަވެސް ބަލިން ކުރާ އަސަރު ވަރަށް ބޮޑަށް ވެކްސިންގެ ސަބަބުން ކުޑަވާނެ ކަމަށް ވެސް ނަސީމު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ފާއިތުވި ދޮޅު އަހަރަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ތިބި ދޮޅު އަހަރު ކަމަށެވެ. ނަމަވެސް ވެކްސިން ޖަހަން ފެށުމާއެކު، ކުދިން ސުކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އައުވެފައިވާ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ވަރަށް ގާތުން ގުޅިގެން ކަމަށެވެ.

ދަރިވަރުންނަށް ވެކްސިން ދިނުމަކީ ހުރިހާ ގައުމެއްގައި ކުރެވޭ ކަމެއް ނޫން ކަމަށާއި، އެހެންކަމުން އުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުންވެސް ވެކްސިން ޖަހަން ގެނައުމަށް ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި ރާއްޖެއަށް ގެނައި 128,600 ޑޯޒް ފައިޒާ ވެކްސިން މިއަދުން ފެށިގެން މާލެއާއި އަތޮޅުތަކުގައި ޖަހަން ވަނީ ނިންމައިފަ އެވެ.

ފައިޒާ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއް ކަމުން މި ފަހަރު އެ ވެކްސިން ޖަހާނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލްގައި އުޅޭ ކުދިންނާއި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެން ސްކޫލްތައް މެދުވެރިކޮށް ކަމަށެވެ.