ބޮލީވުޑް މަޝްހޫރު ތަރި ޝައިފް އަލީ ހާންގެ 52 ވަނަ އުފަން ދުވަސް މިއަދު ވަނީ ފާހަގަ ކޮށްފަ އެވެ.

ސައިފްގެ އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި އޭނާގެ އަންހެނުން ކަރީނާ ކަޕޫރާއި ދެ ކުދިން ވަނީ މީގެ ދެ ދުވަސް ކުރިން ރާއްޖެ އައިސްފަ އެވެ. އެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަނީ ރާއްޖޭގެ މަޝްހޫރު ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގަ އެވެ.

މި ދަތުރުގެ ތެރެއިން ކަރީނާ ކަޕޫރްގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯގައި ފެންނަނީ އެ މީހުން ތިބި ރިސޯޓްގެ ކޮޓަރީގެ ބޭރުގައި އެ މީހުންގެ ދެ ދަރިން ކަމަށްވާ ތައިމޫރާއި ޖަހާންގީރް (ޖެހް) އާ އެކު ފޮޓޯއަކަށް ހިނިތުންވެގެން އިށީނދެ ތިބޭ ތަނެވެ.

އަނެއް ފޮޓޯ އިން ފެންނަނީ ޝައިފް އާއި ކަރީނާ ޕްރައިވެޓް ޕޫލެއްގެ ތެރޭގައި ފޮޓޯއަކަށް ހުއްޓިގެން ތިބޭ މަންޒަރެވެ. މި ދެ ފޮޓޯ އިން ވެސް ރާއްޖޭގެ ރީތިކަމާއި ފުރިހަމަކަން ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވެ އެވެ.

https://www.instagram.com/p/CSn0An5jjrx/?utm_source=ig_embed&ig_rid=42e875e9-edca-4467-94d3-fdc43f42943e

ކަރީނާ އާއި ޝައިފަކީ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ދެ ތަރިންނެވެ.

ކަރީނާ އާއި ޝައިފް ޗުއްޓީ ހޭދަކުރަމުން އަންނަ އިރު އަންނަ މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ ސައިފްގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ޓްރެއިލާ ބުދަ ދުވަހު އާންމުކުރާނެ އެވެ.

ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރުގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ.

ބޮލީވުޑްގެ އެތައް ފިލްމަކުން ފެނިގެން ދިޔަ ކަރީނާ މަޝްހޫރުވި ފިލްމުތަކުގެ ތެރޭގައި "ޖަބް ވީ މެޓް"، "ގުރުބާން"، "ތަލާޝް، ދަ އަންސްވަ ލައިސް ވިތިން"، "ހިރޮއޮން، "އުދްތާ ޕަންޖަބް"، "ތްރީ އިޑިއޮޓްސް" ފަދަ ފިލްމުތައް ހިމެނެ އެވެ.

ސައިފް ކުޅުނު ފިލްމުތަކުގެ ތެރެއިން މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ހަމް ތުމް"، "ރޭސް"، "ލަވް އާޖްކަލް"، "ކަލް ހޯ ނަހޯ"، "ކިޔާ ކެހްނާ" "ފޭންޓޮމް"، "ޕަރިނީތާ" ފަދަ ފިލްމުތައް ހިމެނެ އެވެ.