ޖިންސީ ގޯނާ އާއި ރޭޕް ކުރަންއުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އަލީ ވަހީދު މަގާމުން ވަކިކުރުމުގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވާފައި ވަނީ ރޭ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގަ އެވެ. އެޕާޓީގެ 142 ވަނަ ކައުންސިލު ބައްދަލުވުމުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން ރޭގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޖޭޕީގެ ސިޔާސީ ހަރަކާތްތައް އަލުން ފަށަން ވެސް ނިންމާފަ އެވެ. އަދި ޕާޓީގެ ހަރަކާތް ތަށް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމާ، މެންބަރުން އިތުރުކުރުމަށް ކުރެވޭނި ކަންތައްތަކާ މަޝްވަރާ ކުރެއްވުން ކަމަށް ޖޭޕީން ބުނެ އެވެ.

އަލީ ވަހީދު ޖޭޕީގެ ރައީސްކަމުން ވަކިކުރުމަށް ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާއިރު، ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އޭނާގެ މައްޗަށް ވަނި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އުފުލާފަ އެވެ.