ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް އިނގިރޭސިވިލާތުގެ ކުއީންސް ކައުންސިލުގެ މެންބަރެއް ހަމަޖައްސަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ރާއްޖޭގައި ހިންގަމުން އަންނަ ތަހުގީގުގައި އެމަނިކުފާނު ތަމްސީލުކުރައްވައި، ތަހުގީގު ކުރިއަށްދާ ގޮތް ބައްލަވައި، އެ ތަހުގީގާ އެކީގައި މަސައްކަތްކުރެއްވުމަށް އިނގިރޭސިވިލާތުގެ ކުއީންސް ކައުންސިލުގެ މެންބަރު ކާސްޓީ ބްރިލޯވް އައްޔަންކުރައްވާފައިވާ ކަމަށެވެ.

މި ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ހަމަޖެއްސެވި ކްރިސްޓީއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި މައްސަލައިގެ ހެކި ހޯދުމަށާއި ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގާނޫނުތަކާ ގުޅޭގޮތުން ތަހުގީގީ އިދާރާތަކަށާއި ވަކީލުންނަށް ލަފާ އަރުވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.

ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ފުރަތަމަ އިންތިޚާބީ ރައީސް ކަމަށް ވެސް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ރަނގަޅަށް ހިނގާ އަދުލު އިންސާފުގެ ނިޒާމެއް އޮތުމަކީ ޑިމޮކްރަސީއަށް ކޮންމެހެން މުހިއްމު ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކާސްޓީގެ ފުޅާ އަދި ގިނަ ތަޖުރިބާތަކަކީ މި ހަމަލާ ރާވައި އެ ހަމަލާއަށް ފަނޑުކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވަރަށް މުހިއްމުވާނެ އެސެޓުތަކެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމާލާއާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ތަހުގީގާއި، ކޯޓު މަރުހަލާގެ ކަންތައްތައް ގާތުން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން މީގެ ކުރިން މަންދޫބެއް ހަމަޖެއްސި އެވެ. އެއީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް އެވެ.

ޓެރަރިސްޓް ހަމަލާއަށް ފަހު އިނގިރޭސިވިލާތަށް އިތުރު ފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު އަދިވެސް ހުންނެވީ އެގައުމުގަ އެވެ. އަދި ހަމަލާގެ ތަހުގީގު ނުނިމެނީސް ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.