ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކީ، ކިތަންމެ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެއްނަމަވެސް އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ހަވީރު ތ. އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މީގެ ތިން އަހަރުގެ ކުރިން އެމަނިކުފާނު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވައި އެ ދަތުރުފުޅުގައި ރައްޔިތުންނާއި ކައުންސިލުން އެންމެބޮޑަށް ބޭނުންވީ ލަފާފުރުމުގެ ދަތިކަމަށް ޙައްލެއް ހޯދުންކަން ފާހަގަކުރައްވައި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މިއަދު އެކަމަށް ހައްލެއް ލިބިގެންދިއުމަކީ ވަރަށްބޮޑު އުފާވެރިކަމެއް ގެނެސްދޭ ކަމެއްކަން ފާހަގަކުރައްވާފަ އެވެ.

އޮމަދޫގެ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓުގެ އަގަކީ 32,217,980.66 ރުފިޔާ އެވެ. މި ބަނދަރާއެކު އޮޑިއެހެލާ ސަރަހެއްދެއް ވެސް މި ޕްރެޖެކްޓުގެ ދަށުން ހަދާފައިވެ އެވެ.

އޮމަދޫގެ ރައްޔިތުން އެދުނު އަނެއްކަމަކީ ކަރަންޓްގެ ޚިދުމަތް ރަނގަޅުކޮށްދިނުމަށް ކަމަށާއި މިހާރު ފެނަކައިގެ ފަރާތުން އެރަށުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް، އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކޮށް އަދި ރަށުގައި އަލަށް އާބާދުވި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ގުޅައިދީފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އޮމަދޫގެ ފެނާ ނަރުދަމާ ނިޒާމާއި ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ވެސް ޙިއްޞާކުރައްވާފަ އެވެ. އެގޮތުން ބުރުނީގައި ފެނާނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަކާއި އެރަށު ސްކޫލުގައި 6 ކްލާސްރޫމްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، މިމަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެކަމަށާއި މީގެ އިތުރުން ފުޓްސަލްދަނޑާއި ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކޮޅުމަޑުލު މަޑިފުށީ ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ނިމި، އެރަށުގައި އަވިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކޮށްފައިވާކަމަށާއި ކުނި މެނޭޖްކުރާނެ މަރުކަޒު ޤާއިމުކުރުމަށް ބީލަމަށް ހުޅުވާލާފައި ވާކަމަށާއި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށް ބަޔަކާ މަސައްކަތް ހަވާލުކޮށް އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެކަމަށާ އަދި ވޮލީ ކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމުގައި ރައީސް ވިދާޅުވި އެވެ.

އޮމަދޫ ބަނދަރުހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތު

ވިލިފުށީގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވާ އެއްކަމަކީ އެރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަންކަން ފާހަގަކުރައްވައި އެރަށުގައި ޤާއިމުކުރާ 100 ހައުސިން ޔުނިޓްގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާދަމާ ސޮއިކޮށް، އެ މަސައްކަތް ބަޔަކާ ޙަވާލުކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ކޮޅުމަޑުލު ކިނބިދޫއާ ހިރިލަންދޫގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް އެ ދެ ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި އެމްޓީސީސީން ކުރިޔަށްގެންދިއުމަށް ރޭވިފައިވާކަމުގައި ވިދާޅުވި އެވެ.

ދިވެހި މުޖުތަމަޢުގައި ހުރި އިޖުތިމާޢީ ބޮޑަތި މައްސަލަތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތި ވެފައިވާ އެންމެބޮޑު އިޖުތިމާޢީ ދެ މައްސައަކީ ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ މައްސަލަކަމުގަ އެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖީލަކަށްފަހު ޖީލެއް ހަލާކުވަމުންދާކަމަށާއި މި ދެ ކަމުން ކުދިން ސަލާމަތްކުރުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރަންޖެހޭކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި މި ދެކަން ހުއްޓުވުމަށް ސަރުކާރުން މިހާރު ޕްލޭންތައް އެކުލަވާލާފައި ވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މި ދެ ކަންތަކަށްވެސް އޮތް އެންމެބޮޑު ޙައްލަކީ އެންމެ ކުޑައިރުން ފެށިގެން ކުދިން އިސްލާމްދީނުގެ ޞައްޙަ އަޤީދާގައި ތަރުބިއްޔަތުކުރުމަށް ތަޢުލީމު ދީ މުޖުތަމަޢުގައި ހުރި އެފަދަ ނުރަނގަޅު ކަންކަމާ ކުދިން ދުރުކުރުމަށް ބާރުއަޅައި މުޅި މުޖްތަމައު އެކުގައި މަސައްކަތްކަތް ކުރުން ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ބަލި ރާއްޖޭގައި ކޮންޓްރޯލުކުރެވިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ދެން އެންމެން އެކުގައި މަސައްކަތްކުރަންވީ އިތުރަށް ފަހަތަށް ނުގޮސް މި ލިބުނު ކާމިޔާބީގައި ހިފެހެއްޓުމަށް ކަމުގަ އެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ގެއްލުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން 2020ވަނަ އަހަރު ދައުލަތަށް 23 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަނދާޒާކުރި ނަމަވެސް އަހަރު ނިމުނުއިރު ލިބުނީ 10 ބިލިއަން ރުފިޔާގެ އާމްދަނީކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެ އުނިކަން ފޫބެއްދުމަށް ސަރުކާރުން ގިނަ ލޯނުތަކެއް ނަގައި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އޮމަދޫ ބަނދަރުހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތު

ރާއްޖޭގައި އަލުން ކޮވިޑް ފެތުރުނަ ނުދީ ހިފެހެއްޓޭނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްގެންކަން ފާހަގަކުރައްވައި ޚާއްޞަކޮށް ގެސްޓްހައުސްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން މިކަމުގައި އިތުރު ސަމާލުކަމެއްދީގެން މަސައްކަތް ކޮށްދެއްވުމަށް އެ ފަރާތްތަކަށް އެމަނިކުފާނު ގޮވާލެއްވި އެވެ. ރައީސް ވިދާޅުވީ ކޮވިޑްގެ ކަރަންޓީނު ސްޕޮޓެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ރާއްޖެ ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާ އެހެންކަމުން ގެސްޓްހައުސްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެޖެންޓުން، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރަމުން ގެންދާކަން ކަށަވަރުކުރުމުގެ ގޮތުން މިއަދުން ފެށިގެން އެތަންތަނުގެ އިސްޕެކްޝަނެއް ކުރިޔަށްގެންދަވަން ނިންމަވާފައިވާ ކަމަށެވެ. ރައީސް ވަނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން އަމަލުކުރާނަމަ އަނެއްކާވެސް ކޮވިޑްގެ ދަތިހާލަތު އަނބުރާ ރުޖޫއަ ވެދާނެތީ، އެގޮތަށް ވުމުގެ ފުރުޞަތު ނުދިނުމަށް އެދިވަޑައިގަންނަވާފަ އެވެ.