ތ. ވިލުފުށީގައި މިހާރު އިމާރާތް ކުރަން ފަށާފައިވާ ހައުސިން ޔުނިޓުތައް ނިންމުމަށާއި އަލަށް އަޅަންޖެހޭ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ވިލުފުށީގައި އިމާރާތް ކުރަމުންދާ 64 ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތާއި، ޑިޒައިން އެންޑް ބިލްޑް އުސޫލުން އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 36 ހައުސިން ޔުނިޓްތައް ހެދުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަމީން ކޮންސްޓްރަކްޝަނުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.

ވިލުފުށީގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ނޫމަޑިން އާ ހަވާލުކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރު އެމަޝްރޫއު ހުއްޓުނުއިރު އިމާރާތް ކުރަން ފަށާފައި ވަނީ 64 ހައުސިން ޔުނިޓެއްގެ މަސައްކަތެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީ ބުނީ، މި މަސައްކަތް އަމީންއާ ހަވާލުކުރީ 82.1 މިލިއަން ރުފިޔާއަށް، 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.