"ކޮމިއުނިސްޓު ޒައީމެއްގެ ނިމުން" މި ސުރުޚީއަށް ސަންގު މަޖައްލާގެ ފުރަތަމަ އަދަދުގައި ރުމޭނިޔާގެ އޭރުގެ ކޮމިއުނިސްޓް ވެރިކަން ނިމުނު ގޮތާމެދު ވަރަށް ތަފުސީލު ލިޔުމެއް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލިއުއްވައިފައިވެ އެވެ. އެ ލިއުމުގެ ސުރުޚީގެ ދަށުން އެމަނިކުފާނު ޖައްސަވައިފައި އޮތް ސަބް ހެޑިންގައި އޮތީ "ރައްޔިތުންގެ ގަޔަށް ބަޑި ޖެހުން ވީ، އަނިޔާވެރި ޗާސެސްކޫގެ ވެއްޓުމަށެވެ. އޭނާގެ ވެރިކަން ނިމުމުގެ ސިއަކަ ޖެހުނީ ގައުމުގެ އެތަކެއް ދަރިންގެ ލެއިންނެވެ."
އިބްރާހިމް މުހައްމަދު ސޯލިހަކީ މިއަދުގެ ދިވެހި ރާއްޖޭގެ ރައީސެވެ. އެ މަނިކުފާނު ރުމޭނިޔާގެ އިންގިލާބާ ބެހޭ ގޮތުން ލިއުއްވި މަޖައްލާ ސަންގަކީ ރާއްޖޭގެ މިނިވަންކަމަށް 25 އަހަރުފުރުމާ ދިމާކޮށް "ދިވެހިން ތޮށިގަނޑު ފަޅާލައިފައި ނިކުންނަން ވެއްޖެ" ކަމަށް އޭރުގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު ވިދާޅުވެ، ޚިޔާލުފާޅު ކުރުމަށް ހިތްވަރު ދެއްވައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ނެރެން ފެށި މަޖައްލާއެކެވެ. އެ މަޖައްލާގެ މަސްއޫލުވެރިޔަކީ ގ. ޑޭޒީފެހި، މުހައްމަދު ހިލްމީ އެވެ. ޗީފް އެޑިޓަރަކީ މުހައްމަދު ޝަފީގެވެ. ސޯލިހަކީ އެ މަޖައްލާގެ އެޑިޓަރެކެވެ. އެ މަނިކުފާނުގެ އިތުރުން ރައީސް މުހައްމަދު ނަޝީދާއި ހޯރަފުށީ އާދަމް އިބްރާހީމަކީ ވެސް ސަންގުގެ ދެ އެޑިޓަރުންނެވެ.
ކޮމިއުނިސްޓް ޒައީމެއްގެ ނިމުމާމެދު ސާލިހު ލިއުއްވި މަޒުމޫނު ފައްޓަވަމުން އެ މަނިކުފާނު ލިއުއްވާފައިވެ އެވެ.
"ހުރިހާ ޚުދުމުޚުތާރު ވެރިން ވެރިކަން ކުރަނީ ބިރުވެތިވެ ތިބި ހާލަތެއްގަ އެވެ. ނަމަވެސް ރައްޔިތުން އެކަތިގަނޑަކަށް ވެއްޖެ ހިނދު ޚުދު މުޚުތާރުވެރިންގެ ނިމުން ފިސާރި އަވަސްވެ އެވެ. އެއްވެސް ވެރިޔަކަށް މުޅި ގައުމާއި ރައްޔިތުން އެކީގައި ބަންދެއް ނުކުރެވޭނެ އެވެ. ނުވަތަ ނުމެރޭނެ އެވެ. މިކަމަކީ ހަގީގަތެއްކަން ރުމޭނިޔާ މިއަދު މުޅި ދުނިޔެއަށް ދައްކުވައިދީފި އެވެ."
ސަންގު ނޫހަކީ ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ތިބި ވެރިންނަށް ފާޑުކިޔުމަކީ މަނާ، ނުވަތަ ކުރަން ހެޔޮނުވާ ވަރުގެ ކަމެއްކަމުގައި އޮތް ސަގާފަތް ބަދަލު ކޮށްލުމަށް މަސައްކަތްކުރި މަޖައްލާއެކެވެ.
އެ ދުވަސްވަރު ސަރުކާރުގެ ތެރޭގައި ހިނގަމުން ދިޔަ ނޭދެވޭ ކަންތައްތަކާމެދު ވަރަށް ފާޅުގައި ސަންގުގައި ލިޔުނެވެ. އޭގެ އިތުރުން ރައީސް މައުމޫނުގެ ސަރުކާރާ އިދިކޮޅަށް ރައްޔިތުން ތެދުވުމުގެ ރޫހު ނުސީދާ ގޮތެއްގައި ގައުމުގައި އާލާކުރުމަށް ސަންގު ނޫހުން ވަރަށް ބޮޑަށް ބާރުއަޅައިފައި ހުންނަކަމުގައި ފެނެ އެވެ. އެގޮތުން ސަންގުގެ ފުރަތަމަ ސަފުހާގެ މައިގަނޑު ލިޔުމަކަށް ހުރީ ގިނަ ދުވަސްތަކަކަށް ވެރިކަން ކުރަމުން ގެންދިޔަ ރުމޭނިޔާގެ ބާރު ގަދަ ޒައީމުގެ ޒައާމަތަށް ނިމުން އައި ގޮތެވެ.
އެލިޔުމުގައި އެންމެ މައިގަނޑު ޕޮއިންޓަކަށް އޮތީ ރައްޔިތުން އެކަތިގަނޑަކަށް ވެ ނުކުތުމުން އެމީހުންގެ ކުރިމަތީގައި އެންމެ ޚުދުމުޚުތާރު ވެރިންނަށް ވެސް ހަތިޔާރު ބަހައްޓަން ޖެހޭ ކަމެވެ.
ރުމޭނިޔާގެ އިންގިލާބުގެ ވާހަކަ ތަފުސީލުކޮށް ދެއްވަމުން އިބްރާހިމް މުހައްމަދު ސޯލިހު ލިޔުއްވާފައިވެ އެވެ.
"ރޫމޭނިޔާއަށް ގެނެވުނު މުޅި ދުނިޔެ ސިއްސުވާލި އިންގިލާބުގެ ހުޅުކޮޅު ރޯވީ ޓިމިސްކަރާގައި، ރޫމޭނިޔާގެ އޭރުގެ ޒައީމު ޗާސަސްކޫގެ ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ކުރަމުން ދިޔަ ބައެއްގެ ގަޔަށް ރަހުމެއް ނެތި ބަޑި ޖަހާ ގާތްގަނޑަކަށް 4000 މީހުން، ސަރުކާރުގެ ފަރާތުން މަރާލި ކަމަށް ތުހުމަތު ކުރެވުމުންނެވެ."
އިބްރާހިމް މުހަންމަދު ސާލިހުގެ މި ލިއުމަށް ބަރާބަރު 18 އަހަރު ފަހުން، އޭރުގެ ރައީސް މައުމޫނުގެ ވެރިކަމުގެ ނިމުން ވެސް އައީ ކުޑަގޮތަކަށް ކުރެވުނު މުޒާހަރާއެއް ކޮންޓްރޯލް ނުވެ ގޮސް، ރައްޔިތުން ބޭނުންވި ބަދަލަށް މައުމޫނު ދީލާ ލެއްވުމުން ކަމުގައި ބެލެވިދާނެ އެވެ.
ރުމޭނިޔާގެ އޭރުގެ ސަރުކާރުގެ ކަންތައް ހުރިގޮތަށް އަލިއަޅުއްވާ ލައްވަމުން އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޗާސެސްކޫގެ އާއިލާއަށް އޮންނަ ޚާއްސަ ބާރުތަކަށް ވެސް އަލި އަޅުއްވައި ލައްވައިފަ އެވެ.
ޗާސަސްކޫގެ އެންމެ ހަގު ދަރިފުޅު ނިކުއަކީ އެ ގައުމުގެ ކޮމިއުނިސްޓް ޕާޓީގެ ޔޫތު އޮގަނައިޒޭޝަންގެ ރައީސް ކަމަށާއި އޭގެ އިތުރުން އޭނާއަކީ މިނިސްޓަ އޮފް ޔޫތު އެފެއާޒް ކަމުގައި ވެސް ލިޔުއްވާފައި އޮތެވެ. އަދި އޭނާގެ އަންހެނުން އެލީނާއަކީ އެޑިޔުކޭޝަން މިނިސްޓަރު ކަމާއި ރޫމޭނިޔާގެ އެކަޑަމީ އޮފް ސައިންސްގެ އިސް ވެރިޔާކަމުގައި ލިއުއްވުމަށް ފަހު، އެމަނިކުފާނި ވިދާޅުވެފައި އޮތީ "ދިގުކޮށް ނުދެންނެވި ނަމަވެސް ޗާސަސްކޫގެ ބޭބެއިންނާއި ޅިޔަނުންގެ އިތުރަށް އޭނާގެ ގާތް ތިމާގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 36 މީހުންނަކީ ސަރުކާރާއި ޕާޓީގެ މަތީ މަގާމުތައް ފުރަމުން ގެންދިޔަ މީހުންނެވެ."
ރައީސް މައުމޫނުގެ ޒައާމަތަށް ފާޑުކިޔަމުން ވެސް އޭރުގެ ސަންގުގެ ބައެއް އަދަދު ތަކުގައި މިމޭރުމުން ފާޑު ކިޔާފައި ހުއްޓެވެ. އެމަނިކުފާނުގެ ތިމާގެ މީހުނާއި ޅިޔަނުން ހިމެނޭ ގޮތަށް ސަރުކާރު ހިއްސާވާ ގޮތުގެ ޗާޓުތައް ވެސް އެކި ލިޔުންތަކުގައި ހުއްޓެވެ.
އިބްރާހިމް މުހައްމަދު ސޯލިހުގެ ރުމޭނިއާގެ އިންގިލާބާ ބެހޭ މަޒުމޫނުގެ ފަހު ބައިގައި އޮތީ ޗާސުސްކީގެ ވެރިކަން ވައްޓާލުމަށް ފަހު ޑްރެކިއުލާގެ ނަމުން ގައުމުގައި އޭނާގެ ނަން މަޝްހޫރުވި ވާހަކަ އެވެ. ޗާސަސްކޫ މަރާލުމަށް ފަހު މަގުމައްޗަށް މީހުން ނުކުމެ "ޑްރެކިއުލާ މަރުވެއްޖެ" ކިޔައި އަޑު އުފުލިވާހަކަ އެވެ.
ކޮމިއުނިސްޓް ޒައީމެއްގެ ނިމުމާ ބެހޭ ގޮތުން އިބްރާހިމް މުހައްމަދު ސާލިހު ލިއުއްވި މަޒުމޫނަށް 18 އަހަރު ފަހުން ދިވެހި ރާއްޖޭގެ ވެރިކަން ވަނީ ބަދަލުވެފަ އެވެ. އެއިގެ ފަހުން ފާއިތުވި 13 އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިކަން 4 ބޭފުޅަކު ކުރައްވައިފި އެވެ. ހަތަރުވަނަ ރައީސަކީ ސަންގުގެ ފުރަތަމަ އަދަދުގައި ރޫމޭނިޔާގެ ޚުދުމުޚުތާރު ސަރުކާރު ރައްޔިތުންގެ ހިންމަތުން ވައްޓާލި ގޮތާ އެ ސަރުކާރުން ހިންގި އާއިލީ ވެރިކަމާމެދު ލިއުއްވި އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފަނުގެ ގަލަންކޮޅުން ވެރިއެއްގެ ކިބައިގައި ހުރެގެން ނުވާނެކަމަށް ފާހަގަ ކުރައްވައި އޭރު ލިޔުއްވި ލިޔުއްވުމަކީ މިހާރު އެމަނިކުފާނު ސަރުކާރު ހިންގަވާ ގޮތް އަޅާ ކިޔާލަން ރަނގަޅު މިންގަނޑަކަށް ވެސް ވެދާނެ އެވެ.