އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރެވޭވަރުގެ ހެތްކެއް ނެތްކަމަށް ބުނާ ވާހަކަ މިއަދު އިތުރަށް ޔަގީންވެފައިވާ ކަމަށް އެ މައްސަލާގައި ދައުވާކުރުމަށް ފޮނުވުމުން، މަގާމުން އެކަހެރިކޮށްފައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މަހުލޫފަށް ދައުވާ ކުރުމާމެދު ގޮތެއް ނުނިންމި ކިތަންމެ ދުވަހެއް ހޭދަވިޔަސް، ހޯދެން ހުރި ހުރިހާ ހެއްކެއް ނުހޯދެނީސް އެކަމުގައި ގޮތެއް ނުނިންމަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވުމާ ގުޅިގެންނެވެ.

"އަޅުގަނޑުމެންނަށް ހޯދަން ޖެހޭ ހެއްކެއް ހޯދަން ހަ ދުވަހެއް ނޫން ހަތްދިހަ ދުވަހެއް ނޫން 100 ދުވަސް ނެގިޔަސް ދައުވާ ކުރާނީ އެ ހޯދަން ޖެހޭ ހެއްކެއް ހޯދާފައި. އިތުރު ހެއްކެއް ލިބުމުގެ ފުރުސަތު އޮތީވިއްޔާ އެ ހެއްކެއް ހޯދާފައި އަޅުގަނޑުމެން ކޯޓަށް ހުށަހަޅާނީ މުއްދަތު ނުހިނގާ މައްސަލައެއް ވިއްޔާ،" ޝަމީމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުވާކުރާނެ ހެއްކެއް ނެތް ކަމަށް ތަކުރާރުކޮށް މަހުލޫފު ވިދާޅުވާ ވިދާޅުވުން މިއަދު އިތުރަށް ޔަގީންވެފައިވާ ކަމަށެވެ. ދެ އަހަރު ވަންދެން އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އޭސީސީން ހޯދި އެއްޗެއް ހޯދާފައި، ދައުވާކުރަން ފޮނުވާފައި އަދިވެސް ހަމަ ހެކި ހޯދަނީތޯ މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.

"ދައުވާ ކުރަން ފޮނުވާފައި އަދިވެސް ހަމަހެކިހޯދަނީތޯ؟ މިވަރު ވާހަކައެއް ޝަމީމް ވިދާޅުވެދާނެކަމާމެދު ޝައްކު،" މަހުލޫފު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރު މަހުލޫފު މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ހުށައަޅައިފައި ވަނީ ޖޫން މަހުގެ ނުވަވަނަ ދުވަހު އެވެ.

ޕީޖީ އިތުރު ހެކި ހޯދަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވި ނަމަވެސް ފުލުހުން ބުނެފައި ވަނީ މަހުލޫފު މައްސަލާގައި އިތުރު ހެކި ހޯދަށް މަސައްކަތް ނުކުރާ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ.

އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން އޮގަސްޓް 27، 2014 ގައި މަހުލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށް ކަމާއި، ރައްޔިތުންގެ މަޖިލީހުގައި އޭނާ އެ ބިލަށް ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު ކުރީގެ ނައިބު އަހުމަދު އަދީބު އާއި މަހުލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއަކީ، އަދީބު، މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.