މާލޭގެ ކޮންމެ ބްލޮކަކަށް ވެރިއަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބު އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މިހާރު ބްލޮކުގެ ވެރިންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ބްލޮކްގެ ވެރިންނަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމްތައް އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ފޯމް ބަލައިގަންނާނީ ސިޓީ ކައުންސިލްގެ މައި އިދާރާ، އެމްޑަބްލިޔުއެސްސީ ކަސްޓަމާ ސާވިސް ބިލްޑިންގް ތިންވަނަ ފަންގިފިލާ އާއި ހަތަރުވަނަ ފަންގިފިލާއިންނެވެ.
ބްލޮކް ވެރިން އައްޔަންކުރުމުގެ އިންތިޚާބުގައި ވޯޓް ފޮށިތައް މާލޭގެ ހުރިހާ އަވަށަކާއި ހުޅުމާލޭގައި ބަހައްޓަން ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ބްލޮކް ވެރިޔާކަމަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި މީލާދީ ގޮތުން 18 ފުރިފައިވުމާއި ކުރިމަތިލާ ބްލޮކްގައި ދިރިއުޅޭ މީހެއް ކަމަށްވުމާއި ވައްކަމާއި ޓެކުމާއި ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެ އެވެ. މީގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައި ނުވުމާ އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި ތަހުގީގު މަރުހަލާގައި ތަހުގީގުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި ބަޔާންކޮށްފައިވާ ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒުކުރެވުނުތާ ތިން އަހަރުވެފައިވުމާ އިންތިހާބުކުރެވޭ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާއި މުސްތަގިއްލު މުވައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން ހިމެނެ އެވެ.
ބްލޮކް ވެރިޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބުލޮކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުމުގެ ހާލަތު އެނގުމާއި، ކައުންސިލުން އެދިއްޖެ ކޮންމެ ފަހަރަކު އެ މައުލޫމާތު ހިއްސާކުރުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތައް، ދިރިއުޅެމުންދާ ތަންތަނުގެ ފުރިހަމަ މައުލޫމާތު އެނގުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހޯދައި އެކަން ހައްލު ކުރުމަށް އެކަމުގެ މައުލޫމާތާއި، އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ކައުންސިލަށް ހުށަހެޅުން ހިމެނެ އެވެ.
އަދި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ސިޓީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލާއި ހިއްސާކުރުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަރައްގީއާއި ކުރިއެރުމަށް ކައުންސިލުން ހަވާލުކުރާ މަސައްކަތްކުރުމާއި، ކައުންސިލުން ކުރިއަށްގެންދަން ބޭނުންވާ ޚިޔާލު ހޯދުމުގެ ސަރވޭތައް ކުރުމުގައި އިސްވެ އެފަދަ ކަންކަމުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވެސް ބްލޮކް ވެރިޔާގެ މަސްއޫލިއްޔަތެކެވެ.
މީގެ އިތުރުން ބުލޮކުގައި ދިރިއުޅޭ ރައްޔިތުންގެ ލާބައާއި މަންފާއަށް މޭޔަރު އާއި ކައުންސިލަރުން އެދޭ ކަންކަމުގައި އެހީތެރިވެދިނުމާއި، މާލޭ ސިޓީގެ ތަރައްގީއަށް ކައުންސިލުން ކުރާ ކަންކަމުގައި ބްލޮކުގެ ބައިވެރިވުން ފޯރުކޮށްދިނުމުގައި އިސްވެ މަސައްކަތްކުރުމާއި، ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބުލޮކުގައި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެކަމުގައި ކައުންސިލަށް އެހީތެރިކަން ދިނުމަކީވެސް ބްލޮކްވެރިޔާގެ މަސްއޫލިއްޔަތެއް ކަމަށް ސިޓީކައުންސިލުން ބުނެ އެވެ.