ހިޔާ ފްލެޓުތަކުގެ ލިފްޓެއްގެ ތެރޭގައި ބަޔަކު ތާށިވުމާ ގުޅިގެން، ލިފްޓުތައް ކޮމިޝަންކުރުމުގެ މަސައްކަތް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓު ނުދޭން ނިންމައިފި އެވެ.
ސްޓެލްކޯގެ ބުނީ ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވާ ކަމަށެވެ. އަދި ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށް ދާނީ އެ މަސައްކަތް ނިމުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި އެޗްޑީސީން އެގޮތަށް އެދުނީ މިދިޔަ ހުކުރު ދުވަހު ހިޔާގެ ޓަވަރެއްގެ ލިފްޓެއްގެ ތެރޭގައި ބަޔަކު ތާށިވެފައި ވާތީ ލިފްޓްތައް ކޮމިޝަން ނުކޮށް ހުރެއްޖެނަމަ މިފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށް ބަލައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.
"ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތްދިނުން ވަގުތީގޮތުން މެދުކަނޑާލަން އެޗްޑީސީން ވަނީ އެދިފައި. ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށްގެންދާނީ އެމަސައްކަތްތައް ނިމި، ހިދުމަތްދިނުން ކުރިޔަށް ގެންދިއުމަށް އެޗްޑީސީން އެންގުމުން ކަމުގައި އެންމެހާ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވަން،" ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯ އިން އަންނަނީ ކޮންމެ ދުވަހަކު ދެ ޓަވަރަށް ކަރަންޓު ދެމުންނެވެ.
އެނގިފައިވާ ގޮތުގައި ލިފްޓު ތެރޭގައި ބަޔަކު ތާށިވުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހުން ސަލާމަތްކޮށްފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލު ކޮށްފައިވާއިރު ބައެއް ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ. އެގޮތުން ތަށިމުށި ޖެހުމާއި ކުލަ ލުމާއި ދޮރުފަތް ހަރުކުރުން ފަދަ ކަންކަން ވަނީ ކުރަން ފަށައިފަ އެވެ. މި މަސައްކަތް ނިންމަން ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ފުރުސަތު ދީފަ އެވެ.