ކޮވިޑްގެ ދިފާއުވުމަށް ޖަހާ ވެކްސިން އާބާދީގެ 84 ޕަސެންޓް މީހުން ފުރިހަމަ ކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ 84 ޕަސެންޓް މީހުން ވެކްސިން ޖަހައިފި ކަމަށާއި، އުންމީދަކީ މި މަސް ނިމެންވާއިރަށް އެ ނިސްބަތް 90 ޕަސެންޓަށް ގެންދިއުން ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ މިހާރު 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 81 ޕަސަންޓް ކުދިން ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި 66 ޕަސަންޓް ކުދިން ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ފުރިހަމަ ކުރެވި، ކޮވިޑާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް އިތުރު ލުއިތަކެއް ލިބިގެން ދިޔުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މީގެ އިތުރުން މަބްރޫކް އިތުރަށް ވިދާޅުވީ މުޅި ދުނިޔެ އަށް ބެލި ނަމަވެސް ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވެކްސިން ޕްރޮގްރާމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް ވެސް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފަ އެވެ
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ މިންވަރަށް މިހާރު ރާއްޖެއަށް ވެކްސިން ލިބިފައިވާކަން އިއުލާނުކުރައްވާފަ އެވެ
މި އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ދީ ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.