ކ. ގާފަރު ކައުންސިލަރުން އެދުނު ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް، މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ގާފަރުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ނައިބު ރައީސާ މަޝްވަރާކުރައްވާފަ އެވެ.

ފައިސަލް ވަނީ ނައިބު ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ކާށިދޫ ގާފަރު ހިމެނޭ ދާއިރާގެ ކުރީގެ މަޖްލިސް މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

އެގޮތުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދެއްވުމަށް ނައިބު ރައީސްގެ އަރިހުގައި ދެންނެވި އެވެ. ހަމަ އެއާއެކު އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމުން ދިމާވާ ދަތިތަކާއި، ރަށު ސްކޫލަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން ދެ ދަންފަޅިއަށް ސްކޫލުގައި ކިޔަވައިދިނުން ކުރިއަށްގެންދަން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާ ހިއްސާކުރެއްވެވި އެވެ. މީގެ އިތުރުން ރަށުގައި ފުލުހުންގެ ޚިދުމަތް ނެތުމުން ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުން ވަނީ އެމަނިކުފާނާ ހިއްސާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގައި ޓޫރިޒަމް ތަރައްގީކުރުމަށް ބޭނުންވާކަމަށް ފާހަގަކުރައްވައި، އެކަމަށް މަގުފަހި ކުރުމަށް ސަރުކާރުން ކުރެވެންހުރި ކަންކަން ފާހަގަކުރައްވާފަ އެވެ. އަދި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްގީކުރުމަށް ބޭނުންވާކަން ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލުހޯއްދަވައި ދެއްވުމަށް އެކަންކަމާ ގުޅޭ އިދާރާތަކާއި މަޝްވަރާ ކުރައްވައިގެން އެކަންކަން ކުރިއަށް ގެންދެވޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ކައުންސިލުން ވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ރައްޔިތުން ބޭނުންވެފައިވާ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ހަމަ އެއާއެކު ސްކޫލް ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ކަންކަން ރާވައި ހިންގުމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.