ކޮރަޕްޝަން މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކާމެދުގައި ސުވާލު އުފެއްދުމުގެ ޖާގަ މިހާރު އެބައޮތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައިގެ ތަހުގީގަށް ލަންކާ ރައްޔިތެއްގެ ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަނުން ލަންކާގައި ހުންނަ ދިވެހި އެންބަސީ މެދުވެރިކޮށް އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ކޮމިޝަނަށް އެންގުމާ ގުޅިގެނެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ މިގޮތަށް ރައީސް އޮފީހުން އެންގުމާ ގުޅިގެން ‏އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ ހުރިހާ ތަހުގީގެއްގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ހުޅުވިފައިވާ ކަމަށެވެ. އަދި ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ތަހުގީގުކުރަން ރައީސް އޮފީހަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނަން ޖެހޭނެ ކަމަށާއި، އެންމެނަށް ވެސް އިންސާފު ލިބެންވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"‏އެހެންވީމާ ތިޔަ ކޮމިޝަނުން ކޮށްފައިވާ ހުރިހާ ތަހުގީގެއްގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ތިހުޅުވުނީ. ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ތަހުގީގުކުރަން ރައީސް އޮފީހަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނަން ޖެހޭނެ. އެންމެނަށް ވެސް އިންސާފު ލިބެންވާނެ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ރައީސް އޮފީހުން ރިޔާސީ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލައަކާ ގުޅިގެން ބޭރު ގައުމެއްގެ ފަރާތެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރަންވީ އުސޫލުތަކެއްވެ އެވެ.

އެ ސިޓީގައި ވަނީ ބޭރު ގައުމެއްގެ ފަރާތެއްގެ ބަޔާން ނެގުމުގެ ކަންކަން އިންތިޒާމް ކުރަނީ އެފަދަ ކަމެއްގައި އެހީތެރިކަން އެދޭ ގައުމުން ބަޔާން ބޭނުންވާ ފަރާތް ހުރި ގައުމުގެ ސަރުކާރުގެ ކިބައިން އެދިގެން ކަމަށެވެ. އަދި އެކަން ކުރަންޖެހޭ ގޮތަކީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަމަށް އެދި މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް ފޮނުވައިގެން ކަމަށް އެ ސިޓީގައިވެ އެވެ.

މަހުލޫފް މައްސަލައިގެ ހެއްކެއްގެ ގޮތުގައި ލަންކާ މީހެއްގެ ބަޔާން ނެގީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް އޭނާ ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެކަމުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގުގެ އަތެއްވާ ކަމަށް ވެސް މަހުލޫފް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

މި ސިޓީއާ ގުޅިގެން ރައީސް އޮފީހުންނާއި، ރިޔާސީ ކޮމިޝަނުން ރަސްމީކޮށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.