ސްޓެލްކޯގެ އިން ބަންދުކޮށްފައިވާ މާލޭގެ ބައެއް ސަރަޙައްދުތަކުގެ ގޯޅިތަކާ މަގުތަށް ހުޅުވާލުމަށް ކޯޓަށް ދާންޖެހޭ ނަމަ އެކަންވެސް ކުރައްވާނެކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މޭޔަރު މުއިއްޒު އިތުރަށް ވިދާޅުވީ ބަންދުކޮށްފައިވާ މަގުތަކާ ގޯޅިތަށް ހުޅުވާލުމަށް މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ލިޔުމުން އަންގާފައިވާނެކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތް ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެފަރާތުން ޖަވާބުދެނީ ހުޅުވާނުލެވޭނެކަމަށް. ހުޅުވާލީމަ މާލޭގަ ކަރަންޓް ދިނުމަށް ހުރަސްތަކެއް ހުރިކަމަށް،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ޑރ. މުޢިއްޒު ވިދާޅުވީ އެ ގޯޅިތައް ބަންދުކުރަން ސްޓެލްކޯއަށް ހުއްދަ ދިނީ ދާއިމީކޮށް ބަންދުކުރަން ނޫން ކަމަށެވެ. އެހެން ނަމަވެސް ޖަނަރޭޓަރުތައް ބެހެއްޓުމާ ބެހޭގޮތުން އޭރު އެދުނު ބައެއް ކަންކަން ކުރުމަށް ކަމަށެވެ. އެހެންކަމުން އެތަންތަން ހިފައި ބަންދުކޮށްފައިހުރި ހުރުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިހާރު ކައުންސިލުން ނިންމާފައިވަނީ ކޯޓަށް ދިއުން ވެސް ހިމެނޭ ގޮތަށް ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ އިންޖީނުގެތައް ހުންނަން ޖެހެނީ މީހުން ދިރިއުޅޭ ސަރަޙައްދާ 200 ފޫޓު ދުރުގައި ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯގެ ފަރާތުން ވަނީ، ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސްއިމާރާތް ހިމެނޭ ދޭތެރޭ އޮންނަ ކަށިމާ ހިނގުން ( ބްލޮކް ނަމްބަރ 349 ) އާއި ސްޓެލްކޯ ޕަވާ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާ އާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން (ބްލޮކް ނަމްބަރު 348.347 ) ސްޓެލްކޯގެ ފަރާތުން ޢާއްމުންނަށް ނުހިނގޭ ފަދަ ގޮތަކަށް ބަންދުކޮށްފަ އެވެ.

މިކަން ރަނގަޅުކޮށް ގޯޅިތަށް ހުޅުވާލުމަށް އެއް މަސް ދުވަހުގެ މުއްދަތު ދީ ސިޓީ ކައުންސިލުން ވަނީ ސްޓެލްކޯއަށް ސިޓީއަކުން އަންގާފަ އެވެ.