ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކަށް ރަށްރަށާއި ބިމާއި ފަޅު ކުއްޔަށް ދޫކުރުމުގެ ގަވާއިދެއް އެކުލަވާލައިފި އެވެ.
ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ހަދަން ޖެހޭ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު" ޓޫރިޒަމް މިނިސްޓްރީން ވަނީ ގެޒެޓުކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުގައި ބުނާ ގޮތުން ކޮންމެ އަހަރަކު ވެސް އެ އަހަރެއްގެ ތެރޭގައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ބޭނުންވާ މަޝްރޫއުތަކެއް ރައީސް ކަނޑައަޅަން ޖެހެ އެވެ. ރައީސް ބޭނުންވާ އެފަދަ މަޝްރޫއުތައް ކަނޑައަޅައި ކޮންމެ އަހަރަކު ގަރާރެއް ނެރެ، ސަރުކާރުގެ ގެޒެޓްގައި އާންމު ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
މި ގަރާރުގައި ރައީސް ހިންގަވަން ބޭނުންވާ މަޝްރޫއުގެ ތައާރަފަކާއި، މަޝްރޫއު ހިންގަން ގަސްތު ކުރާ އަތޮޅާއި ރަށް ނުވަތަ ސަރަހައްދު، އަދި މަޝްރޫއަށް ޚަރަދު ކުރަން ޖެހޭ އެންމެ ދަށް މިންވަރު ހިމަނަން ޖެހެ އެވެ.
އެ ލިސްޓުގައިވާ ރަށްރަށް ނޫނީ ތަންތަނުގެ ތެރޭގައި ނުހިމެނޭ ރަށެއް ނުވަތަ ފަޅެއް ނުވަތަ ތަނެއް ކްރޮސް ސަބްސިޑީގެ ގޮތުގައި ހޯދަން މަޝްރޫއު ހިންގާ ފަރާތުން ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބަލައިގަނެ ލިސްޓަށް އުނި އިތުރު ގެނައުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ވެސް މި ގަވާއިދުން ދީފައިވެ އެވެ.
މީގެ ކުރިން ވެސް ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހިންގުމުގެ ބަދަލުގައި ރިސޯޓު ތަރައްގީ ކުރަން ރަށްތައް ވަނީ ދީފަ އެވެ. މީގެ ކުރިން އެކި ޕްރޮޖެކްތައް ހަވާލުކުރި އެކި ކުންފުނިތަކަށް، އެ ކުންފުނިތަކުގެ ސީއެސްއާރްގެ ދަށުން އެކި ރަށްރަށުގައި އެކި ހިދުމަތްތައް ދިނުން ލާޒިމް ވެސް ކުރި އެވެ. ރިސޯޓް ހިންގަން އޭރު ރަށްތައް ދިން ބައެއް ކުންފުނިތަކުން ރިސޯޓް ހިންގަމުން ދިޔަ ނަމަވެސް ޝަރުތުކުރި ހިދުމަތްތައް ނުދޭ މައްސަލަ ވަނީ ފެންމަތި ވެފަ އެވެ.
އަނެއްކާ މިއޮތީ އެކްޓިވިސްޓުންނަށް ރަށްތައް ބަހާ އުސޫލު ހަދާފަ. ކުރީފަހަރު ވެސް 400 ރަށަށް އޮތީ ލިބޭނެ ކައުމުގެ ޔަގީންކަން (ލެޓަރ އޮފް އިންޓެންޓް) ދީފައި. ދެން ބަނދަރު ހަދާނެޔޭ ފްލެޓް އަޅާނެޔޭ ކިޔާފަ ރަށްތައް ބަހަން ފަށާނެ.