ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޖަހާފައިވޭތޯ ބެލުމަށް ފަހު ނޫނީ ދަތުރުފަތުރުގެ ހިދުމަތް ނުދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން އަދި އެއްވެސް ޑޯޒެއް ނުޖަހާ މީހުން ވެކްސިން ޖެހުމަށް ބާރު އެޅުމަށްޓަކައި، އަންނަ ބުދަ ދުވަހުން ފެށިގެން ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ މީހުންނާ މެދުގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ނުދިނުމަށް އެދޭ ކަމަށެވެ.

އެގޮތުން އެއްގަމާއި ކަނޑުދަތުރު ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި، އަދި އެތެރޭގެ ވައިގެދަތުރު ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ޚިދުމަތް ދިނުމުގައި އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުޠު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ޚިދުމަތް ނުދިނުމަށް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއިން އެދިފަ އެވެ. އަދި ރައްޔިތުންނާ ގާތުން ދޭންޖެހޭ ޓެކްސީގެ ޚިދުމަތްތައް ދޭފަރާތްތަކުން ވެސް އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުޠު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ޚިދުމަތް ނުދިނުމަށް ވަނީ އެދިފަ އެވެ.

ފްލައި ޑުބާއީގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: އެމްއޭސީއެލް

ޓްރާންސްޕޯޓުން އެގޮތަށް އެދިފައިވާއިރު، އެޗްޕީއޭއިން މި މަހުގެ ހަތް ވަނަ ދުވަހު ކުރި އިއުލާނުގައި ބުނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފްލައިޓުތަކުން ދަތުރުކުރާއިރު ވަކި ކަންކަމެއް ޝަރުތުކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ހޮޓާ، ކެފޭ/ރެސްޓޯރެންޓު ފަދަ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން ވަކި ކަންކަން ޝަރުތުރުކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްސިންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް މިހާތަނަށް 400،000 އެއްހާ މީހުން ފުރަތަމަ ޑޯޒު ޖަހާފައިވާއިރު 300،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ.