ސައުދީ އަރަބިއްޔާގެ އެހީގައި މާލޭގައި އިމާރާތްކުރި ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހު ކަނޑައަޅަން ސައުދީ އަރަބިއްޔާއިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ހާއްސަ މަންދޫބު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އެގޮތުން ރާއްޖެ ވަޑައިގެންފައިވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީ އެވެ.

ރައީސް އޮފީހުގެ ތަރްޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ސައުދީ މަންދޫބާ އެކު މާދަމާ ރަސްމީ މަޝްވަރާތައް ފަށާނެ ކަމަށެވެ. މާދަމާ ފަށާ މަޝްވަރާގެ މައިގަނޑު ބޭނުމަކީ ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައެޅުމާއި މިސްކިތް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

ސަލްމާން މިސްކިތް މިދިޔަ އަހަރުގެ ކުރީކޮޅު އަދި މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް ހުޅުވަން ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ.

މިސްކިތް ހުޅުވުން ލަސްވަނީ އެ މިސްކިތަކީ ސައުދީ ރަސްގެފާނު ހަދިޔާ ކުރައްވާ މިސްކިތަކަށްވެ، އެ މިސްކިތް ހުޅުވަން ސައުދީގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާތީ ކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ،. އެ ދަތުރު ކުރަން ދަތިވެފައި ވަނީ ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވެފައިވާތީ މިވަގުތު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވާތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސަލްމާން މިސްކިތް އިމާރާތް ކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ. މި ކުންފުނިން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ މަޝްރޫ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ