ސައުދީ އަރަބިއްޔާގެ އެހީގައި ކުރީގެ ސަރުކާރުން މާލޭގައި އިމާރާތްކުރި ކިންގް ސަލްމާން މިސްކިތް އަންނަ އަހަރުގެ ރޯދަ މަހަށް ހުޅުވުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ތާރީހެއް ކަނޑައެޅުމަށް މިހާރު ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެވަޑައިގެން އުޅުއްވާ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އާއެކު މަޝްވަރާތައް ބާއްވާފައިވާ ކަމަށެވެ. އަދި ސައުދީގެ ވަފުދުން ވަނީ ސަލްމާން މިސްކިތަށް ޒިޔާރަތްކޮށް އެތަނަށް އިތުރަށް ބޭނުންވަނީ ކޮން ތަކެއްޗެއްތޯ ބައްލަވާލައްވާފަ އެވެ.

މިސްކިތް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން މިސްކިތަށް އިތުރަށް ބޭނުންވާ ސާމާނު ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ސައުދީ މަންދޫބު ދެއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަ ކުރިކަމަށް ބުނެ އެވެ.

ސަލްމާން މިސްކިތް މިދިޔަ އަހަރުގެ ކުރީކޮޅު އަދި މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް ހުޅުވަން ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ.

ސަލްމާން މިސްކިތް އިމާރާތް ކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ. މި ކުންފުނިން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ މަޝްރޫއު އެވެ.

މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ