ގްރޭޑް އެކެއްގެ ކްރިއޭޓިވް އާޓްސް ކިޔަވައިދޭން ދަރިވަރުންގެ ފޮތެއް ނޯންނާނެ ކަމަށާއި އެ މާއްދާ ކިޔަވާދޭނީ މުދައްރިސުން ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ މުދައްރިސުންގެ ފޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނީ ގްރޭޑް އެކެއްގެ ދަރިވަރުންގެ ފޮތް ލިސްޓުގައި މި ފޮތް ހިމަނައި، ކޮންމެ ދަރިވަރަކަށް ފޮތެއް ދޫކުރުމަށް ފަހު ފޮތްތައް އަނބުރާ ނަގަން މިނިސްޓްރީން ސްކޫލްތަކަށް އެންގި މައްސަލާގައި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް އެކެއްގެ ދަރިވަރުންނަށް މި އަހަރު ވެސް އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކްރިއޭޓިވް އާޓް ކިޔަވައިދޭން ނިންމާފައި ވަނީ މުދައްރިސް ބޭނުންކުރާ ފޮތަކާއި، ކުރެހުމުގެ ނަމޫނާ ދައްކަން ބޭނުންކުރާ ފޮތަކުން ކަމަށެވެ.

ކްރިއޭޓިވް އާރޓު މާއްދާ ގުރޭޑު އެކެއް ގައި ދަރިވަރުންގެ ފޮތެއް ނޯންނާނެކަން ފާހަގަ ކުރައްވަމުން މިނިސްޓްރީން ބުނީ މި މާއްދާއަކީ އެހެން މާއްދާތަކާ ހިލާފަށް މާއްދާގެ ފަންނީ ހުނަރުތައް ތަރައްގީ ކުރުމަށްޓަކައި ގިނަ އަމަލީ މަސައްކަތްތަކެއް ކުރުވާ ފަންނީ މާއްދާއަކަށް ވާތީ ކަމަށެވެ.

އަދި މިފޮތަކީ ގުރޫޕްތަކުގައި ބޭނުންކުރާ ގިތަށް ފަރުމާކޮށްފައިވާ ފޮތެއް ކަމަށާއި އެ ފޮތް ބޭނުންކުރާނީ ކޮންމެ ފަސް ކުއްޖަކަށް އެއް ފޮތުގެ އުސޫލުން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

އެޑިއުކޭޝަނުން ސްކޫލްތަކަށް އަންގާފައިވާގޮތުގައި އެ ފޮތްތަކަކީ މުދައްރިސުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކިޔަވާދޭއިރު އެހީއެއްގެ ގޮތުގައި ބޭނުންކުރާ ފޮތްތަކެކެވެ. އަދި އެ ފޮތްތައް ދެވިފައިވާނަމަ އަނބުރާ ނަގާ ރައްކާތެރިކޮށް ބެލެހެއްޓުމަށް އަންގާފައިވެ އެވެ. އެގޮތަށް ބަލަހައްޓައިފި ނަމަ ކުރިއަށް އޮތް ދެ އަހަރު އައު ފޮތް ޗާޕުނުކޮށް ކުދިންނަށް ކިޔަވައިދެވޭ ވަރަށް އިތުރުވާ ފޮތްތައް ހުންނާނެ ކަމަށް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނެފައިވެ އެވެ.