މި ސަރުކާރުން އެއްވެސް ރަށެއް ބަކީ ނުކޮށް ތަރައްގީގެ ގިނަ މަޝްރުއުތަކެއް ކުރިއަށް ގެންދިޔުމަށް އިސްކަމެއް ދެއްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ އދ. ދިގުރަށު ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި އިތުރަށް ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް ރަށެއް ބަކީ ނުކޮށް ތަރައްޤީގެ މަޝްރޫޢު ހިންގުމުގައި ރަށުގެ ކައުންސިލްރަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ހަމަ އެގޮތަށް އެރަކަށް ވެފައިވާ ވައުދެއް ފުއްދުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

ކައުންސިލުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ނައިބު ރައީސް ފައިސަލް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތައް އެކަމާ ގުޅޭ މިނިސްޓްރީތަކާ ވާހަކަދައްކަވައިގެން ވީ އެންމެ އަވަހަކަށް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ތެރެއިން ކައުންސިލްގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއަޅުއްވާފަ އެވެ.

ހަމަ އެއާއެކު، ކައުންސިލުން އިސްނަގައިގެން ސްކޫލުކުދިންގެ ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަށާއި ފަތަން ދަސްކޮށްދިނުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވުމަށް އެ މަނިކުފާނު ބާރުއެޅުއްވެވި އެވެ. އަދި ކުޑަކުދިންގެ ސަލާމަތާއި، ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބާރުއަޅުއްވައި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ކޮންމެ ކުއްޖަކަށް ވެސް އުފާވެރިކަމާއެކު އުޅެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން ދިގުރަށު ހެލްތު ސެންޓަރަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ދިގުރަށު ކައުންސިލުން މިބައްދަލުވުމުގައި ވަނީ ވިދާޅުވެފަ އެވެ.