ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި އެވެ.

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރަން ބޭނުން ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ސަންގެ ދެ ކުންފުނީގެ އިތުރުން އަހުމަދު ކްރިކް ރިޒާއަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ.

މިއަދު އޮތް މިޝަރީއަތުގެ އަޑު އެހުމަށް ދައުވާ ލިބޭ ހުރިހާ ފަރާތްތަކެއް ވަނީ ހާޒިރުކޮށްފަ އެވެ. ނަމަވެސް 9:00 ޖަހާއިރު ފެށުމަށް ތާވަލުކޮށްފައިވާ މައްސަލައިގެ އަޑުއެހުން ފަށާފައި ވަނީ 10:30 ގެ ފަހުންނެވެ.

މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަޙްމަދު ޝަކީލު ވިދާޅުވީ، މިއަދު މައްސަލަ ތާވަލުކުރި ވަގުތަށް އަޑުއެހުން ނުފެށި ލަސްވީ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ކަމަށެވެ. މިއަދުގެ އަޑުއެހުން ކުރިއަށްގެންދިޔައީ ކޯޓުގެ މާލަންތަކުގެ އިތުރަށް ރާއްޖެއިން ބޭރުގައި ހުންނެވި ދައުލަތުގެ ވަކީލުގެ އޮފީހާ އޮންލައިންކޮށް ގުޅާލައިގެންނެވެ.

މި މައްސަލަތައް ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ގޮތުގައި، ޝަރީއަތުގެ އިތުރު މަރުހަލާތައް ކުރިއަށް ގެންދިއުމުގެ ކުރިން މައްސަލައަކީ އެ ކޯޓުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަން ނުވަތަ ނޫން ކަން ނިންމަން ޖެހޭ ކަމަށެވެ. ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ގާޒީ ނިންމެވީ އެ މައްސަލަތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް އޭނާ ނިންމެވި އެވެ.

ކްރިކް ރިޒާގެ ހުށަހެޅުންތައް ހުށަހަޅުއްވަން މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވާ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

ސަން އިންވެސްޓްމަންޓްގެ ހުށަހެޅުއްވުންތަކަށް އެ ދުވަހު ހެނދުނު 10:00 ޖަހާއިރު އަދި ސަން ކޮންސްޓްރަކްޝަންސްގެ ހުށަހެޅުއްވުންތަކަށް 11:00 ޖަހާއިރު އަޑުއެހުމެއް ތާވަލު ކުރަން ނިންމާފައިވާކަން ގާޒީ ހާމަ ކުރެއްވި އެވެ. އެއަށް ފަހު މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ ގާޒީ އަޑުއެހުން ނިންމަވާލައްވާފަ އެވެ.

ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލާފައިވާއިރު، އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ގއ. ވޮމަޑުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި އެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަމަށް ކަނޑައަޅައި ދަށު ކޯޓުން އިއްވި އެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.