ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިނުގަތް ނަމަވެސް މުސާރަ ބަރާބަރަށް ނަންގަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން އިނގިރޭސިވިލާތުގައި ހުންނަވައިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މުސާރަ ނެންގެވި ނަމަވެސް، ކޮމިޓީތަކުގައި ބައިވެރި ނުވާތީ ކޮމިޓީ އެލަވެންސް ނުލިބޭ ކަމަށެވެ.

އެމަނިކުފާނަކީ އެހެން އެއްވެސް މަސައްކަތެއް ކުރާ ފަރާތަކަށް ނުވާތީ މުސާރަ ނުންގަވާނަމަ ދިރިއުޅުއްވާނެ އެހެން އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބޭ އިތުރު އާމްދަނީއެއް ނެތް. މި ނޫން ގޮތެއް ނެތް އަޅުގަނޑަކަށް، ދެން އެންމެން ވެސް ގަބޫލު ކުރާނެ މިއީ އަޅުގަނޑު އަމިއްލައަށް ކޮށްގެން އުޅޭ ކަމެއް ނޫން ކަން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ އެހެން ބައެއް މެމްބަރުންވެސް މާގިނަ ދުވަހު މަޖިލީހަށް ހާޒިރުނުވެ ތިއްބަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ: ޕީއެސްއެމް

މޭ ހައެއްގެ ހަމަލާއަށް ފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތް ފަހުން އަދި ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގެންފައެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު އިނގިރޭސި ވިލާތުގައި ހުންނެވީ ސަރުކާރުން އެގޮތަށް އެދޭތީ ނޫން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާނީ މާލޭގައި ހުންނަވައި އެކުގައި "ސައިފޮދު ހިއްޕަވައި ހީ ސަމާސާ ކުރައްވަން" ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކޮންމެ ތިން ހަފުތާއަކުން އެއް ފަހަރު ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށެވެ. ކުރިން އުއްމީދު ކުރެއްވީ މި ސެޕްޓެމްބަރު މަސް ނިމޭއިރު މާލެ ހުންނަވަން ކަމަށާއި އެކަމަކު އެ ތާރީހުގައި މިހާރު ވަޑައިގެންނެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އާމިރު އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިހަމަލާގައި ސަރުކާރުގެ އެއްވެސް ވަރެއްގެ ހިއްސާއެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި މިހަމަލާގެ ކަންކަން އިންސާފުވެރިކަމާއިއެކު ބެއްލެވުމަށް ރައީސް ސޯލިހާއި ސަރުކާރުގެ މުއައްސަސާތަކުން ވަރަށް ފާރަވެރިކަމާއިއެކު މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިފަދަ ގޮތަކަށް ވިދާޅުވިއިރު، ރައީސް ސޯލިހު ވެސް ވަނީ ރައީސް ނަޝީދަށް ރާއްޖެ ވަޑައި ނުގެންނެވޭފަދަ ހާލަތެއް ނެތްކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދަށް ދެއްވަންޖެހޭ ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް މިހާރުވެސް ދެއްވަމުންދާކަމަށާއިި، އެކަން ކުރިއަށް އޮތްތަނުގައިވެސް ބަރާބަރަށް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވާފަ އެވެ.