ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ވަން ލިޒިން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޗައިނާގެ އައު ސަފީރާ ރައީސް ސޯލިހު ބައްދަލުކުރައްވައި، އެކަމަނާ ރާއްޖެ ވަޑައިގެން ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ލިޒިންގެ ކުރިން ޗައިނާގެ ސަފީރުކަމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ލިޒިންގެ ސަފީރުކަމުގެ ދައުރުގައި ވެސް އިތުރަށް ދެ ގައުމުގެ ގުޅުން ބަދަހިވާނެކަމަށް ޔަގީން ކުރައްވާކަމަށް ވިދާޅުވެފަ އެވެ.

ޗައިނާގެ އާ ސަފީރު ވާން ލިޖިން، އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުއްވަން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް

ކުރިޔަށް އޮތް އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ ދެ ގައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިދިޔަ ޖުލައި މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި މި ފޯން ކޯލްގައި ދެ ގައުމުގެ ވެރިން ވެސް ރާއްޖެއާއި ޗައިނާގެ ގުޅުން އޮތް އިރު ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވި އެވެ. އަދި، ޗައިނާ ސަރުކާރުން ކުރިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 200،000 ޑޯޒްގެ ސައިނޯފާމް ވެކްސިންގެ އިތުރުން 400،000 ޑޯޒްގެ ސިނޯފާމް ވެކްސިން ހަދިޔާކުރައްވާފައިވާތީ އެކަމަށްޓަކައި ޗައިނާގެ ރައީސްއަށާއި، އެ ގައުމުގެ ސަރުކާރަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމަށް ވަނީ މަގުފަހިވެފަ އެވެ.

https://www.youtube.com/watch?v=iacZweXIYGo&feature=emb_logo

މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ޗައިނާ ސަރުކާރުގެ ހެޔޮއެދުންތައް ރައީސްއަށާއި، ދިވެހި ރައްޔިތުންނަށް ފޮނުއްވާކަމަށް ވިދާޅުވެފަ އެވެ. އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމު އެކަމަނާއަށް ލިބިވަޑައިގަތުމަކީ ލިބުނު މަތިވެރި ޝަރަފެއް ކަމަށާއި، އެކަމަނާގެ ސަފީރުކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަމަނާ ވަނީ ރާއްޖޭގެ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި ނަގާފައިވާ ފިޔަވަޅުތަކަށް މަރުޙަބާ ވިދާޅުވެ ތައުރީފުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާ ޗައިނާއާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.