ޖަޕާނުގެ ކަނޑުގެ ސިފައިންގެ ހަމަލާއެއްގައި ޔާހުންބަރާސް ފައްތައިލައި އޭގައި ދަތުރު ކުރި ދެ މީހުން ފިޔަވައި އެހެން އެންމެން މަރާލީ 1943 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސިންނާ ދެކޮޅަށް ޖަޕާނުން ހިންގި އުދުވާނެވެ.

ހަނގުރާމައިން ބަލިވުމުން އެ ހަނގުރާމައިގައި އެހެން ގައުމުތަކަށް ލިބުނު ގެއްލުމަށް ޖަޕާނުން ބަދަލު ދޭން ޖެހުނެވެ. މި ބަދަލުގެ ތެރޭގައި ޔާހުންބަރާހާއި އޭގައި ދަތުރުކޮށް ނިއާވި މީހުންނާއި ޖަލުގައި ހައްޔަރުކޮށް އަނިޔާ ލިބުނު ދެ މީހުނަށް ލިބުނު އަނިޔާގެ ބަދަލު ވެސް ހިމެނެ އެވެ.

ޖަޕާނުން ދިން ފައިސާ ޖަމާކުރީ އަމީންގެ އެކައުންޓަށް

ލިޔެފައިވާ ޑޮކިއުމެންޓްތަކުން އެނގޭ ގޮތުގައި މިބަދަލުގެ ގޮތުގައި 300،000 ޕައުންޑު ޖަޕާނު ސަރުކާރުން ހޯދުމަށް ފަހު އިނގިރޭސިން ދިވެހި ސަރުކާރާ ހަވާލު ކުރި އެވެ. އެ ފައިސާ ލިބުނު ކަމަށް ވަނީ އޭރުގެ ދިވެހި ދައުލަތް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އަމީނުގެ އެކައުންޓަށެވެ. އަމީނަކީ އޭރުގެ ފިނޭންސް މިނިސްޓަރު ވެސް މެ އެވެ.

އެ ފައިސާގެ އޭގެ ހައްގު ވެރިންނަށް އިނގިރޭސިން ދީފައި ހުރި ލިޔެކިޔުންތަކާއެކު، އެ ފައިސާ ހޯދަން މަސައްކަތް ކުރުމުން އެ މީހުންގެ އަތުގައި ހުރި ޑޮކިއުމެންޓްތައް ހިފައިގެން އަމީނުގެ އަރިހަށް ދާން އެންގި އެވެ. އެ ބައްދަލުވުމުގައި އެ މީހުންގެ އަތުގައި ހުރި ޑޮކިއުމެންޓްތައް އަތުލައްވައި، ދެން އެވާހަކަ ނުދެއްކުމަށް އެންގެވި ކަމުގައި ބުނެވެ އެވެ. ފައިސާއަށް ވީ ގޮތެއް ނޭނގެ އެވެ. އެ ވާހަކަ އޭރަކު ވެސް މިހާރަކު ވެސް ބަޔަކު ނުދައްކަ އެވެ.

ނާސިރުގެ ބޮލުގައި ވެސް ވައްކަމުގެ ތުހުމަތު އެޅުވި

އަމީނުގެ ފަހުން ރާއްޖޭގައި ވެރިކަންކުރި ވެލާނާގޭ އިބްރާހިމް ނާސިރަކީ ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވި ބަތަލެވެ. އެކަން މިއަދުގެ ޖީލުތައް ފާހަގަކުރެ އެވެ. އެހެނަސް ނާސިރު ވެރިކަން ދޫކުރައްވައިފައި ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ނާސިރުގެ ޚިޔާނާތާ ނާޖާއިޒު ފައިދާ އާއި ވައްކަމުގެ ވާހަކަ ދެކެވެން ފަށައިފި އެވެ. ޣައިރު ހާޒިރުގައި ނާސިރުގެ މައްޗަށް ޝަރީއަތް ހިންގައި ނާސިރުގެ ބައެއް މުދާތައް ސަރުކާރަށް ނެގި އެވެ. އެއީ އެއްފަރާތުން ދެއްކި ވާހަކަތަކެކެވެ. ދިފާއުގައި ނާސިރު އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. ބަޔާނެއް ނުނެރުއްވަ އެވެ. ކުޑަވެގެން އިންޓަވިއުއެއް ލިބޭތޯ މުގޯލި އެޅި ނޫސްވެރިއަކާ ވެސް ވާހަކައެއް ނުދެއްކެވި އެވެ. އެހެންކަމުން އަދި އަދަށް ވެސް އެ ވާހަކައިގެ އަނެއް ފަރާތް އެނގޭކަށް ނެތެވެ.

ރައްޔިތުންގެ މަޖިލިސް: ކޮންމެ ނިޒާމެއްގެ ވެރިކަމުގައި ވެސް އެންމެ މުހިންމު މުއައްސަސާ

އިލްޔާސާއި އެފްޕީއައިޑީގެ ވައްކަން

ކޮރަޕްޝަންގެ ނަން ދިވެހި ބަހާއެކުވެ ދިވެހިން އާންމު ގޮތެއްގައި ބޭނުން ކުރަންފެށީ މައުމޫނުގެ ވެރިކަމުގެ މެދު ތެރޭގަ އެވެ. އެންމެ ބޮޑު މައްސަލަޔަކަށް ފެންމަތިވީ މަޝްހޫރު އެފްޕީއައިޑީ ގެ ކޮރަޕްޝަނުގެ މައްސަލަ އެވެ.

ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމާ ދިމާކޮށް "ދިވެހިން ތޮށިގަނޑު ފަޅާލައި ދިވެހިން ނިކުންނަން ވެއްޖެ" ކަމުގައި ވިދާޅުވެ ޚިޔާލުފާޅުކުރުމަށް މައުމޫނު ދެއްވި ލުޔަކާއެކު ފެންމަތިވި މައްސަލައެކެވެ.

އެ ވާހަކަ އޭރު ނިކުތް ސިޔާސީ މަޖައްލައެއް ކަމަށްވާ "ސަންގާ"އި "ހުކުރު"ގައި ވަރަށް ތަފުސީލުކޮށް ލިޔުނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އިބްރާހިމް ޝަރީފާއި ފުވައްމުލަކު މެމްބަރު މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) ފަދަ ބޭބޭފުޅުން މަޖިލީހުގައި އެ މައްސަލަ ވައިގަ ހިއްޕައިލި އެވެ. އެ ޕްރެޝަރަށް ހިފަހައްޓައި ނުލެވި އޭރުގެ ނުފޫޒު ގަދަ ވަޒީރު އަދި މައުމޫންގެ ޅިޔަނު އިލްޔާސް އިބްރާހިމް ރާއްޖެ ދޫކުރައްވައި ބޭރަށް ވަޑައިގެންނެވި އެވެ.

އެ ދަތުރު ކުރެއްވީ އެއާ މޯލްޑިވްސްގެ ޚާއްސަ މަތިންދާބޯޓެއްގަ އެވެ. ކޮރަޕްޝަންގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި ލިޔުންތަކުގައި އޮތީ މާކުން އަބްދުއްސައްތާރު (ސަޓޯ)ގެ ވާހަކަ އެވެ. ވަނަމަކަށް ސަޓޯ ކޭހުގެ ގޮތުގައި ފެންމަތިވެގެން އައި އެ ކޮރަޕްޝަންގައި އެފް.ޕީ.އައި.ޑީ.ގެ ފައިސާއިން ސަޓޯގެ އޭރުގެ އަންހެނުން މާރިޔާ އަހުމަދު ދީދީ އިނގިރޭސި ވިލާތުގައި ބަހައްޓަވައިގެން ކުރިކަމަށް ތުހުމަތު ކުރެވޭ ޚަރަދު ތަކެއްގެ ވާހަކަ ވެސް ދެކެވުނެވެ.

އެފްޕީއައިޑީގެ އެ ބޮޑު ޚިޔާނަތުގެ ވާހަކަ ވެސް އެންމެ ފަހުން ނިމުނީ އެ ވާހަކަ ދެއްކި މީހުންގެ އަނގަ ބަންދުވެގެންނެވެ. އެހެނަސް ތޮށިގަނޑު ފަޅާލައިފައި ނިކުންނަން މަސައްކަތްކުރި މީހުންގެ ހަރަކާތް ސިއްރިޔާތުގައި ނަމަވެސް ކުރިޔަށް ގޮސް 2008 ގައި މައުމޫނުގެ ސަރުކާރު ވެއްޓުނީ ވެސް ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުގެ ހިޔަނީގަ އެވެ.

ހެޔޮވެރިކަމުގައި ވެސް ވައްކަން

މައުމޫނުގެ 30 އަހަރުގެ ވެރިކަމަށްފަހު ގިނަ ޕާޓީތައް އެކުލެވޭ ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއް މިވަނީ އުފަން ވެފަ އެވެ. އެ ނިޒާމު އައީ ކޮރަޕްޝަނާ ދެކޮޅަށެވެ. ކޮރަޕްޝަނާ ވައްކަމާ މަކަރާ ޚިޔާނާތްފަދަ ހުރިހާ ނުބައި ސިފަތަކެއް ސަރުކާރުގެ ތެރެއިން ފިލުވައިލާނެކަމުގެ ވައުދާއެކު ގެނައި "ހެޔޮ" ވެރިކަމަށް މިދަނީ 13 އަހަރު ވާށެވެ.

ފާއިތުވި ކޮންމެ ދުވަހަކީ ކޮރަޕްޝަނާ ބެހޭ އާ ވާހަކައެއް ފެންމަތިވާ ދުވަހެކެވެ. ހަގީގަތުގައި ޕާޓީ ސިސްޓަމާ އެކު ކޮރަޕްޝަން ގެ މިންވަރު އެތައް ގުނައެއް މައްޗަށް ޖެހިގެން ހިނގައްޖެ ކަމަށް ބުނެވިދާނެ އެވެ. ޕާޓީ ތަކުގެ އެތެރޭގެ އިންތިޚާބުން ފެށިގެން މަޖިލީހުގެ އިންތިޚާބާ ރިޔާސީ އިންތިޚާބު ނިމޭއިރު ކުރިން ހުސް އަތާ އުޅުނު އެތައް ބައެއްގެ ޖީބު ފުރި، އެތައް ފިތުނަތަކެއް ގައުމުގައި އޮންނަނީ ހިނގައި ނިމިފަ އެވެ. އޭގެ ފަހުން ހޮވޭ ސަރުކާރުން ބައި އެޅުމާއި ވަޒީފާތަކަށް ޕާޓީގެ ކުދިން ވެއްދުން ފަދަ ހުރިހާކަމެއް ވެސް އޮންނަނީ ކޮރަޕްޝަންގެ ގޮޅީގެ އެންމެ މެދުގަ އެވެ.

މިފަހުން ހިނގައިދިޔަ އެންމެ ބޮޑު ކޮރަޕްޝަނަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އިސްވެ ހުންނަވައި ހިޔާނާތްތެރިވި އެމްއެމްޕީއާރުސީގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މައްސަަލަ އެވެ. އޭގެ އިތުރުން މި ވެރިކަމުގައި، ކޮވިޑް ޖެހޭ މީހުންނަށް ފަރުވާދޭން ގެންނަން ހެލްތު މިނިސްޓްރީން ދުބާއީގެ ކުންފުންޏަކަށް އަޑި ނޭނގޭ ގޮތަށް ހަވާލުކުރި އެތައް މިލިއަން ރުފިޔާއެއްގެ ވެންޓިލޭޓަރަށް ވީނުވީ އެއް އަދިވެސް ނޭނގެ އެވެ.

ގިނަ ޕާޓީ ހިމެނޭ ވެރިކަމުގެ ނިޒާމަށް 13 އަހަރު ފުރެންދާއިރު މިއަދު އެންމެ ގަދަޔަށް ބަޔަކު ފަތުރާ އެއް ވާހަކައަކީ ވެރިކަމުގެ ނިޒާމު ކަމު ނުދާ ވާހަކަ އެވެ. ރައްޔިތުންގެ ވޯޓުން ނިންމައިފައި އޮތް ރިޔާސީ ނިޒާމުގެ ބަދަލުގައި ޕާލަމެންޓަރީ ސިސްޓަމެއް ރާއްޖެއަށް ބޭނުންވާ ވާހަކައެވެ. ސަބަބަކަށް ދައްކަނީ ރިޔާސީ ނިޒާމުގައި ކޮރަޕްޝަން ބޮޑުވުމެވެ.

ޕާލަމެންޓަރީ ސިސްޓަމަކުން ނުވަތަ ބަރުލަމާނީ ނިޒާމަކުން ކޮރަޕްޝަން ހުއްޓޭނެ ކަމުގައި ވާނަމަ އެ ނިޒާމު ކޮންމެހެން ވެސް ގެންނަން ޖެހެއެވެ. އެހެން ނަމަވެސް އެކަމަށް އާނއެކޭ ބުނުމުގެ ކުރިން ވިސްނާލަން ޖެހޭ ދެތިން ކަމެއް އެބަ އޮތެވެ.

ދުނިޔޭގެ ގައުމުތަކުގެ ކޮރަޕްޝަން ރޭޓު ކުރާ މިންގަނޑުން ބަލާ އިރު ރާއްޖެ އޮތީ 75 ވަނައިގަ އެވެ. ދުނިޔޭގައި އޮތް އެންމެ ބޮޑު ބަރުލަމާނީ ވެރިކަން އޮތް ގައުމު ކަމަށްވާ އިންޑިއާ އެ ލިސްޓުގައި އޮތީ ރާއްޖެއަށް ވުރެ ވެސް މާފަހަތުން 86 ވަނައިގަ އެވެ.

ކައިރީގައި ހުރި އަވައްޓެރި އެހެން ގައުމުތަކުގެ ވާހަކަ ލިޔުން ދިގު ކުރުމަށްޓަކައި ކޮންމެހެން ދެއްކުމުގެ ބޭނުމެއް ނެތެވެ. އެހެން ކަމުން ކޮރަޕްޝަނާ ވައްކަމަކީ ވެރިކަމުގެ ނިޒާމާ ގުޅިފައިވާ ކަމެއް ނޫންކަން ވަރަށް ސާފު ކޮށް އެނގެ އެވެ.

ކޮރަޕްޝަން ހުއްޓުވުމަށް އިޚުލާސްތެރި ވެރިން ބޭނުންވެ އެވެ. ރަނގަޅު ޖީލެއް ތަރުބިއްޔަތު ކުރެވެން ޖެހެ އެވެ. އެހެން ނޫންނަމަ ކޮރަޕްޝަނުގެ ވާހަކައަކަށް ހުއްޓުމެއް ނެތެވެ.