ރަސްދޫ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ރަސްދޫގައި އިމާރާތްކުރާ ޒަމާނީ އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.

ސްޓެލްކޯއިން ބުނީ މި އިންޖީނުގޭގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒުހިފާފައިވާއިރު، އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް އަންނަމުންދާ ތަރައްގީއާ އެއްވަރަށް އަދި އެ ރަށުގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށްޓަކައި މިކުންފުނިން އަބަދުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

މިވަގުތު ރަސްދޫގައި ހިދުމަތް ދެމުން ގެންދަނީ 754 ކިލޯވޮޓްގެ ކެޕޭސިޓީއާއެކު ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ އިންޖީނުގެއަކީ ކުރިޔަށް އޮތްތަނުގައި ރަސްދޫއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނެކެވެ. އެއާއެކު، މިހާރު އިމާރާތް ކުރެވެމުންދާ އިންޖީނުގެއަކީ ފަސް މެގަވޮޓްގެ ކެޕޭސީޓީއެއް ބިލްޑް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ އައު އިންޖީނުގެ އިމާރާތް ކުރަމުންދަނީ ހިދުމަތަށް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރިތަނުގައި ކަމަށެވެ. ރަސްދޫގައި އަލަށް އިމާރާތް ކުރަމުންގެންދާ އިންޖީނުގެ އަކީ ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށްވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މި އައު އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ކަމަށްވެސް ސްޓެލްކޯއިން ބުނެ އެވެ. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުނެވެ. އަދި އޮންލައިން މޮނިޓަރިން އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް. މިކުންފުނީގެ އުއްމީދަކީ އައު އަހަރާއެކު އިފްތިތާހު ކުރެވިގެންދާނެ މި އައު އިންޖީނުގެއާއެކު، ރަސްދޫއަށް ބާރު ދުވެލީގައި ސަރުކާރުން ގެންނަމުންދާ ތަރައްގީ އާއި، ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ތަރައްގީއާއި، ކުރިއެރުން ލިބި، ރައްޔިތުންނަށް މަންފާކުރަނިވި، ރަނގަޅު ހިދުމަތެއް މިކުންފުނިން ރަސްދޫގައި ދެވިގެންދިއުމެވެ.