މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާނުވާ އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމީ ވަކި މީހަކު ރުއްސަން ވެގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ މަޖިލިސް މެމްބަރު މީކާއީލް މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން ދަތި ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ގޯތި ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މީކާއީލް އިތުރަށް ވިދާޅުވީ ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައިވެސް ވަކި ތަރުތީބެއް އޮންނަށް ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން އެ ތަރުތީބު ގެއްލުވާލާފައިވާ ކަމަށްވެސް މީކާއީލް ތުހުމަތު ކުރެއްވި އެވެ. އަދި ވަކި މީހަކު ރުއްސަން ބަޖެޓުގައި ނެތް މަޝްރޫޢު ހިންގައި ރައްޔިތުންގެ ފައިސާ އިސްރާފު ކުރެވިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް ނެތި އެތައް ރައްޔިތުންނެއް ތިއްބައި ހަތަރު ސަތޭކަ ފަންސާސް އެއް މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެއާޕޯޓެއް އަލިފުށީގައި އެޅުމަށް އިއުލާނުކުރުމުން މާލެ ރައްޔިތުންނާ އެ ދާއިރާތަކުގެ މެންބަރުން ކުރިމަތިލައްވާނެ ގޮތެއް ނޭނގޭ ކަމަށްވެސް މީކާއީލް ވިދާޅުވި އެވެ.

ކުއްލިއަކަށް ބޮޑު އަގުގައި ބަޖެޓުގައި ނެތް އެއާޕޯޓެއް އަޅާވާހަކަ އިވުމުން އެކަމުގެ ކަންބޮޑުވުން މީކާއިލް ފާޅުކުރެއްވި އެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ވައުދެކެވެ. އެކަމަށް ޚާއްޞަކޮށް ފަޅެއް ހިއްކާނެ ކަމަށާއި، ހިއްކާނީ ކޮން ފަޅެއްކަން އިއުލާނުކުރައްވާނެ ކަމަށް ފާއިތުވި ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް މިހާތަނަށް އެ ފަޅު އިއުލާނުކުރައްވާފައިނުވެ އެވެ.