ވަޒީފާ ބޭނުން ވެގެން ޖޮބް ސެންޓަރުގައި އެކަމަށް އެކަށީގެންވާ މީހަކު ރަޖިސްޓްރީކޮށްފައި އޮއްވައި އެ މީހަކަށް ވަޒީފާނުދީ އެފަދަ ވަޒީފާއަކަށް ބޭރު މީހަކު ގެނައުމުގެ ފުރުސަތު މުސްތަގުބަލުގައި ސަރުކާރުން ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އަލިފުށީގައި ޖޮބްސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުންނެވެ. މި ޖޮބް ސެންޓަރުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތަކެއް ގާއިމުކުރައްވާނެ ކަމަށާއި އޭގެ ތެރެއިން އެއް ސެންޓަރު ގާއިމުކުރެވޭނެ ރަށަކީ އަލިފުށިކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން މީހުން ގެންނަންޖެހޭ މިންވަރު މުސްތަޤްބަލުގައި ދަށްކުރުން ކަމަށެވެ. އެގޮތުން ވަޒީފާތަކަށް ބޭރު މީހުން ރާއްޖެއަށް ގެނައުން މަދުކުރުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަގަކުރައްވައި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު 56،000 މީހުންނަށް ރާއްޖޭގައި ވޯކް ޕާމިޓް ދީފައިވާ ކަމަށާއި ނަމަވެސް މި 2021 ވަނަ އަހަރުގެ ފުރަތަމަ ހަތްމަސް ނިމުނުއިރު ސަރުކާރުން ވޯކް ޕާމިޓް ހުއްދަދީފައި ވަނީ 8،900 މީހުންނަށްކަން ފާހަގަކުރެއްވި އެވެ.

އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ޖޮބް ސެންޓަރުގެ އެޕްލިކޭޝަން ވެސް ރަސްމީގޮތުން އިފްތިތާހު ކޮށްދެއްވާފަ އެވެ. އަދި މި ރަސްމިއްޔާތުގައި އަލިފުށީގައި ޖޮބްސެންޓަރުގެ ޚިދުމަތް ފެށުމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އަލިފުށީ ކައުންސިލާ ދެމެދު ސޮއި ކުރެވުނެވެ.

އަލިފުށީގައި ހުޅުވުނު ޖޮބްސެންޓަރަކީ މިއަހަރުގެ އެޕްރީލްމަހު ޤައުމީ ޖޮބް ސެންޓަރުގެ ނަމުގައި މާލޭގައި ފެށި ޚިދުމަތުގެ ތެރެއިން ރަށްރަށުގައި ހުޅުވޭ ޖޮބް ސެންޓަރުތަކުގެ ފެށުމެވެ. ޖޮބްސެންޓަރުތަކުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަންކުރުމާއި ވަޒީއަށް އެދޭފަރާތްތަކުން ވަޒީފާއަށް ހުށަހެޅުމުން ފެށިގެން ވަޒީފާ ލިބުމާހަމައަށް ކުރަންޖެހޭ ކަންކަން އެއްތަނަކުން ކުރެވޭނެ މަގުފަހިކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބްސެންޓަރުގެ ޚިދުމަތް ތަޢާރަފްކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެހެން ބައެއް ޚިދުމަތްތައްވެސް ޖޮބްސެންޓަރުތަކުން ލިބޭނެގޮތް މުސްތަގުބަލުގައި ފަހިވެގެންދާނެ އެވެ.