ރެހެންދި ޚަދީއްޖާ އާއި ބުރެކި ރަނިން ފަދަ އަންހެން ބޭފުޅުންގެ ވާހަކަ ރާއްޖޭގެ ތާރީޚުން ޖާގަ ހޯދި ކަމުގައި ވިޔަސް ދާދި ފަހަކާ ޖެހެން ދެން ވެސް ދިވެހި އަންހެނުންނަކީ ގައުމު ހިނގުމުގެ އިސް ސަފަށް ނުކުމެ އުޅުނު ބައެއް ނޫނެވެ.

ތާރީޚީ ހެކިތަކަށް ބުރަވެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފަރުދާގެ ފަހަތުގައި ތިބި ދިވެހި އަންހެނުން ބޭރަށް ނެރެ ގައުމުގެ ތަރައްގީގައި އެ މީހުންގެ ބައިވެރިވުން ހިއްސާކުރައްވަން ފެއްޓެވީ ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް އަލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

އަންހެން ކުދިންނަށް ތައުލީމު ދެއްވުމަށް ޚާއްސަ މަސައްކަތްތަކެއް އަމަނިކުފާނު ކުރެއްވި އެވެ. އެމަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރުކަމުން ފެށިގެން އެކި ފެންވަރުގެ މަތީ މަގާމު ތަކުގައި އަންހެން ބޭފުޅުން ތިއްބެވި އެވެ. އަދި އެ މަނިކުފާނު ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ނެރުނު މަޖައްލާ ކަމުގައިވާ "އަލްއިސްލާހު"ގެ ފަސް ވަނަ އަދަދުގައި ދިވެހި އަންހެން ދަރިންނަށް ވަރަށް އަގުހުރި ނަސޭހަތްތަކެއް ދެއްވައިފަ އެވެ.

ރަށެއް ކުރި އަރާނީ އެރަށެއްގެ އަންހެނުންގެ އެހީއާ ލައިގެން

ތަރައްގީ އާއި ތަހުޒީބުގެ ޚިޔާލު އާންމު ރައްޔިތުންގެ މެދުގައި އެއްގޮތަކަށް ވެސް ނެތް ޒަމާނެއްގައި އަމީން ދެކެވަޑައިގެންނެވި ތަހުޒީބުވެފައިވާ ގައުމަކަށް ރާއްޖެ ހެއްދެވުމުގެ ހުވަފެންފުޅު ކާމިޔާބުކުރެއްވުމަށް ފެއްޓެވި މަސައްކަތުގައި އަންހެނުންގެ އެހީތެރިކަމާއި ބައިވެރިވުން ބޭނުންވާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގެންނެވި އެވެ.

އަލް އިސްލާހުގައި ދިވެހި އަންހެނުންނާ ބެހޭ ގޮތުން އެމަނިކުފާނު ލިޔުއްވި މަޒުމޫނުގެ ސުރުޚީ ވެސް ޖައްސަވާފައި ވަނީ "ރަށެއް ކުރި އަރާނީ އެރަށެއްގެ އަންހެނުންގެ އެހީޔާ ލައިގެން" މިހެންނެވެ. އެ ލިޔުން ފަށްޓަވަމުން އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ބައެއް ކަމަށް ވަކާލާތު ކުރައްވަމުން އެމަނިކުފާނު ލިއުއްވި އެވެ.

"މާތް ރަސްކަލާނގެ ދުނިޔެމަތީގައި ހައްދަވާފައިވާ އެއްމެ ފުރިހަމަ، އެންމެ އަގުހުރި، އެއްމެ މާތް އެއްޗަކީ، އެކަލާނގެ ކުޅަދުންވަންތަ ވެރިކަމުގެ ނަމޫނާ އިންސާނާ އެވެ. އިންސާނުންގެ ތެރެއިން މާތްކަމާއި އިއްޒަތްތެރިކަން ބޮޑީ ފިރިހެނުންތޯ ނުވަތަ އަންހެނުންތޯ ސުވާލު ކޮށް އެ މައްޗަށް ބަހުސް ކުޅައުމަކީ ބޭކާރު ކަމެކެވެ. މިހެނީ އަންހެނާ އާއި ފިރިހެނާ މާތްކަލާނގެ އުފެއްދެވީ އެތައް ސިއްރުތަކަކާއި އެތައް ކުޅަދުންވަންތަ ވެރިކަމެއް ލައްވައިގެން އެކަކު އަނެކަކާ ނުލައި ނޫޅެވޭނެ ފަދަ ގޮތްތަކެއް މެދުވެރި ކުރައްވާފަ އެވެ." އަމީން ލިޔުއްވާފައިވެ އެވެ.

މާތް ރަސްކަލާނގެ ދުނިޔެމަތީގައި ހައްދަވާފައިވާ އެއްމެ ފުރިހަމަ، އެންމެ އަގުހުރި، އެއްމެ މާތް އެއްޗަކީ، އެކަލާނގެ ކުޅަދުންވަންތަ ވެރިކަމުގެ ނަމޫނާ އިންސާނާ އެވެ. އިންސާނުންގެ ތެރެއިން މާތްކަމާއި އިއްޒަތްތެރިކަން ބޮޑީ ފިރިހެނުންތޯ ނުވަތަ އަންހެނުންތޯ ސުވާލު ކޮށް އެ މައްޗަށް ބަހުސް ކުޅައުމަކީ ބޭކާރު ކަމެކެވެ. މިހެނީ އަންހެނާ އާއި ފިރިހެނާ މާތްކަލާނގެ އުފެއްދެވީ އެތައް ސިއްރުތަކަކާއި އެތައް ކުޅަދުންވަންތަ ވެރިކަމެއް ލައްވައިގެން އެކަކު އަނެކަކާ ނުލައި ނޫޅެވޭނެ ފަދަ ގޮތްތަކެއް މެދުވެރި ކުރައްވާފަ އެވެ.
އަމީން

އަންހެނުންނާ ބެހޭ ގޮތުން އެ މީހުންނަކީ ފިރހެނުންނަށް ވުރެ ވަކި ނިކަމެތި ނުވަތަ ދެރަ ބައެއް ނޫން ކަމަށް ވިދާޅުވެ، އެކަން ސާބިތުކޮށް ދިން އެތައް އަންހެނުންނެއް ދުނިޔޭގައި އުފެދިފައިވާ ކަމަށް ލިޔުއްވި އެވެ.

ދުނިޔެ މިދެކޭ ތަރައްގީއާއި ތަހުޒީބާއެކު ދުނިޔެއިން އަންހެނުންނާއި ފިރިހެނުން ކަންކަމުގައި ޝާމިލުވެ އުޅުމުގެ ފަރަގު އެއްކޮށް ފިލައިގެންދާނެ ޒަމާނެއް އަންނާނެކަމުގެ އުންމީދު ފާޅުކުރައްވަމުން އަމީނު ވިދާޅުވެފައި ވަނީ ރާއްޖޭގައި ވެސް އަންހެނުންނާ މެދު ތަފާތުކުރުމުގެ ރޫހު މަޑުމަޑުން ނަމަވެސް ބަދަލުވަމުން އަންނަކަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަމުން ހިތްޕުޅަށް ލިބިވަޑައިގަންނަވާ އުފާ ބަޔާން ކޮށްދެއްވަމުން ލިޔުއްވި އެވެ.

"އަދި މިޒަމާނުގެ ބައެއް އަންހެން ބޭފުޅުންނާއި އަންހެން ކުދިން އެބޭފުޅުން ގެއާއި އެ ކުދީންގެ އަގު ވަޒަން ކުރައްވައި އެބޭފުޅުންނާއި އެ ކުދިން އަންނާން އޮތް ޒަމާނުގައި އުފުއްލަވާން ޖެހޭ ޒިންމާދާރީގެ މައްޗަށް ހޭފުޅުލައްވާން ފައްޓަވައިފިކަން ވިސްނޭކަމީ ހޫނު ދުވަހަކު ޖެހޭ ފިނި ވައިރޯޅިއެއް ފަދައިން ހިތަށް ފިނިކަން ހާސިލު ކޮށްދޭ ކަމެކެވެ." އަމީން ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުގައި އަންހެނުންނަށް ނިސްބަތް ކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.

"އޭ ދިވެހިރާއްޖޭގެ އިއްޒަތްތެރި އަންހެން އަންހެނުންނޭވެ. އަންހެނުންގެ މުޅި ދިރިއުޅުން ވަނީ ގަތާ ބޯވަޅު އެޅުމާއި ކައްކާފައި ފިރިމީހާއަށް ކާންދީ ހެދުމުގެ މައްޗަށް ކަމުގައި ނުހިއްތަވާށެވެ. ރަށެއްގެ މީހުން ކުރި އަރާނީ އެ ރަށެއްގެ އަންހެނުންގެ ވެސް އެހީތެރިކަމާ ބާރާ ލައިގެންނެވެ."

އަންހެން ކުއްޖަކު ފުރިހަމަ ވަނީ ލައްކަ ގިނަ ބާވަތުގެ ކަންތައް ކުރަން އެނގިގެން

އަންހެނުންގެ ބައިވެރިވުން ގައުމަށް ބޭނުންވާނޭ މިންވަރާއި ފިރިހެނުންނާ އެއް ސަފެއްގައި އަންހެނުން ސާބިތުވެގެން ހިނގުމުގެ އުންމީދަށް ފަހު ދެން އެމަނިކުފާނު ދެއްކެވީ ފުރިހަމަ އަންހެނަކަށްވުމަށްޓަކައި އަންހެނުންގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކަށެވެ. އެގޮތުން ގޭތެރޭގައި ކުރާންޖެހޭ ކޮންމެ ކަމެއް ވެސް ކުރާން ޖެހުނު ކޮންމެ އިރަކު ކޮށްލެވޭ ފެންވަރަށް އެނގެން ޖެހޭނެ ކަމުގައި ލިއުއްވަމުން މިސާލަކަށް ލިއުއްވާފައި އޮތީ އޭރުގެ އަންހެނުން އެންމެ އާދަވެގެން ކޮށް އުޅުނު ގެތުމާއި ފެހުމާއި ކެއްކުމުގެ ވާހަކަ އެވެ. މީގެ ތެރެއިން ވެސް ކެއްކުމަކީ ކޮންމެ އަންހެނަކަށް ވެސް އެނގެން ޖެހޭނެ ކަމެއް ކަމުގައި ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވެފައި އޮތީ މާލީ ގޮތުން ތަނަވަސް އަންހެން ބޭފުޅުންނަށް ވެސް ގޭގައި ކައްކައި ކާންހަދާ އުޅޭ މީހުން، އެ ކައްކާ ތަކެއްޗަށް ގޮތް ކިޔައި އެ މީހުނަށް ބޭނުންވާ އެއްޗެތި ކައްކަން ދަސްކޮށްދޭން އެނގެން ޖެހޭނެ ކަމަށެވެ.

ކޮންމެހެން އެނގެން ޖެހޭ މަސައްކަތްތަކުގެ މައްޗަށް ބައްލަވައިލެއްވުމަށް ފަހު އަމީނު ދީދީ އެ މަނިކުފާނުގެ ގަލަން ހިންގަވާފައި އޮތީ އަންހެން ކުދިންގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކުގެ މައްޗަށެވެ. އެގޮތުން މައިން ބަފައިންނަށް ކިޔަމަންވުމަކީ ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ހުންނަން ޖެހޭނެ އެންމެ މުހިންމު އެއް ސިފަކަމުގައި ލިއުއްވުމަށް ފަހު އެ ކުދިންގެ ކިބައިގައި ހުންނަ ޖެހޭ ސިފަތަކުގެ ތެރެއިން އެންމެ މާތް ސިފަޔަކީ ލަދުވެތިކަން ކަމުގައި ލިޔުއްވި އެވެ.

"ލަދުވެތި ވުމޭ ބުނެވޭ ބަހުގެ މާނަޔަކީ ފިރިހެނަކު ފެންނައިރަށް ދުވެފައި ގޮސް ފުރަތަމަ ޖެހޭ ފޮތިގަނޑަކާ ނިވާވެ ހުރެ ސިއްރުން ބެލުމެއް ނޫނެވެ،" އަންހެން ކުއްޖެއްގެ ކިބައިގައި ހުންނަން ޖެހޭ ލަދުވެތިކަމުގެ ވާހަކަ ތަފުސީލު ކޮށްދެއްވަމުން އެމަނިކުފާނު އިތުރަށް ލިޔުއްވި އެވެ. "ލަދުވެތި ކަމަކީ ތިމާ އަނެކަކަށް ބަހައްޓާންވީ ފުރިހަމަ އަދަބުވެރިކަމެއް ބެހެއްޓުމާއި އަނެކަކަށް ކުރާންވީ އިހުތިރާމެއް ކުޅައުމާއި ތިމާޔާ ނުބެހޭ ކަންތަކާ ބެހި ނުގަތުމާއި ތިމާ އިނުމަށް އެކަށީގެން ނުވާހެން ހީވާ މަޖުލިސެއްގައި ނުއިނުމާއި ވާހަކަ ދައްކާއިރު އެކުން ގަދަޔަށް ވާހަކަ ނުދެއްކުމާއި ހޭއިރު މާގަދަޔަށް ނު ހުނުމާއި އަދިވެސް މިފަދަ ކިތަންމެ ކަމެއް ހިފެހެއްޓުމެވެ."

ލަދުވެތި ވުމޭ ބުނެވޭ ބަހުގެ މާނަޔަކީ ފިރިހެނަކު ފެންނައިރަށް ދުވެފައި ގޮސް ފުރަތަމަ ޖެހޭ ފޮތިގަނޑަކާ ނިވާވެ ހުރެ ސިއްރުން ބެލުމެއް ނޫނެވެ." އަންހެން ކުއްޖެއްގެ ކިބައިގައި ހުންންން ޖެހޭލަދުވެތިކަމުގެ ވާހަކަ ތަފުސީލު ކޮށްދެއްވަމުން އެމަނިކުފާނު އިތުރަށް ލިޔުއްވި އެވެ. "ލަދުވެތި ކަމަކީ ތިމާ އަނެކަކަށް ބަހައްޓާންވީ ފުރިހަމަ އަދަބުވެރިކަމެއް ބެހެއްޓުމާއި އަނެކަކަށް ކުރާންވީ އިހުތިރާމެއް ކުޅައުމާއި ތިމާޔާ ނުބެހޭ ކަންތަކާ ބެހި ނުގަތުމާއި ތިމާ އިނުމަށް އެކަށީގެން ނުވާހެން ހީވާ މަޖުލިސެއްގައި ނުއިނުމާއި ވާހަކަ ދައްކާއިރު އެކުން ގަދަޔަށް ވާހަކަ ނުދެއްކުމާއި ހޭއިރު މާގަދަޔަށް ނު ހުނުމާއި އަދިވެސް މިފަދަ ކިތަންމެ ކަމެއް ހިފެހެއްޓުމެވެ.
އަމީން

ރަނގަޅު ރައްޓެހިން ޚިޔާރުކޮށް ރަނަގަޅު މީހުންނާ އެކުވެރިވެ އުޅުމަށް ވެސް އަމީނު ވަނީ ނަސޭހަތް ދެއްވާފަ އެވެ. އެއާއެކު ކޮންމެ އަންހެން ކުއްޖަކީ ވެސް ޚަރަދު ކުޑަކޮށް އުޅެން އެނގޭ ކުއްޖަކަށް ވާން ޖޭހޭނެ ކަމަށް ވިދާޅުވެފައި އޮތެވެ. ސަބަބަކީ އަންހެނުންނަކީ ގޭތެރޭގެ ޚަރަދުތައް ހަމަޖައްސައި ހަދަން ޖެހޭބަޔަކަށް ވާތީ އާއިލާގެ ފުދުން ތެރިކަން ބިނާވެގެން ވާނީ އެމީހުނަށް ޚަރަދު ކުޑަކޮށް އުޅެން އެނގިގެން ކަމަށް ވާތީ އެވެ.

ދިވެހި ރާއްޖޭގެ އަންހެނުން ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި އަގު ނުކުރެވޭ ފަދަ މަސައްކަތްޕުޅުތަކެއް ކުރެއްވި ސުމުއްވުލް އަމީރު މުހައްމަދު އަމީނު އަންހެނުންނާ ބެހޭ ގޮތުން ލިޔުއްވި މަޒުމޫނު ނިންމަވާ ލެއްވީ އަންނަނިވި އިބާރާތުން ދިވެހި އަންހެން ކުދިންނަށް ދެއްވި ނަސޭހަތުގެ ބަސްކޮޅުންނެވެ.

"އޭ ދިވެހި ރާއްޖޭގެ އިއްޒަތް ތެރި އަންހެން ކުދީންނޭވެ! ދިވެހި ރާއްޖެ ކުރިޔަށް ގެންދިޔުމުގައި ތިޔަ ކުދީން ކުރާން ޖެހޭ ޚިދުމަތް ތަކުގެ މައްޗަށް ވިސްނައި ޅައުމުރުގައި ތިޔަ ކުދީން ދުނިޔެ އުޅުމުގެ ބިންގާ ހަރުދަނާކަން ހުރި ގޮތެއްގެ މަތީން އެޅޭތޯ ބަލާށެވެ. ޅަ އުމުރުގައި މާތް ރީތި ސިފަތައް އުނގެނެވޭތޯ ބަލާށެވެ. މިހެނީ މާތް އަންހެން ކުއްޖަކު ބޮޑުވެ ހަމަ ޖެހޭއިރު ހުންނާނީ ޝައްކަކާ ނުލައި މާތް އަންހެނަކަށްވެފަ އެވެ."