މިމަހުގެ މިހާތަނަށް 32،880 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ މިހާތަނަށް 32،880 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 4،110 ފަތުރުވެރިން ޒިޔާރަތް ވަނީ ކޮށްފަ އެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް 788،846 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 172،104 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ދެ ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިނެވެ. އެއީ 162،801 ފަތުރުވެރިންނެވެ.

ލިސްޓުގެ ތިންވަނައިގައި ޖަރުމަނުވިލާތް އޮތްއިރު، އެ ގައުމުން ޒިޔާރަތް ކޮށްފައި ވަނީ 42،218 ފަތުރުވެރިންނެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 850 ތަނެއް ހުޅުވާފައިވާއިރު، މީގެތެރޭގައި ހިމެނެނީ 155 ރިސޯޓާއި، 552 ގެސްޓްހައުސް އަދި 143 ސަފާރީ އެވެ. މީއީ 50،438 ބެޑް ކެޕޭސިޓީ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ އެމިރޭޓްސް މެދުވެރިކޮށެވެ.

އެއެއާލައިނުން 154،158 ފަތުރުވެރިން ރާއްޖެ ގެނެސްފައިވާއިރު ލިސްޓުގެ ދެވަނައިގައި އޮތް ގަތަރު އެއާވޭސްއިން 125،900 ފަތުރުވެރިން ރާއްޖެ ގެނެސްފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.