ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ދައުލަތުގެ ފަރާތުން އެދިފައިވަނީ ކަމަކަށް ކަމެއް ކުރާ އުސޫލުން ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިހެން ބުނެފައި ވަނީ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖެ ވަޑައިގަތް ފަހުން އޭނާ އެނބުރި ވަޑައިނުގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުނު އަމުރު ނެރެ ނުދިނުމަށް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމާއި ގުޅިގެން ކުރި ހުކުމުގައި އެވެ.

ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ދަޢުލަތުން ހިފަހައްޓަން އެދޭ ކަމަށް ބުނެ ދީފައިވާ ނަންބަރަކީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ ނަންބަރެވެ. އެ ޕާސްޕޯޓް ވަނީ އޭނާ މިނިސްޓަރު ކަމުން ވަކިކުރުމާއެކު ކެންސަލްކޮށްފައިވާ ޕާސްޕޯޓެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"އަލީ ވަހީދު ރާއްޖޭން ފުރުމުގެ އެތައް ދުވަހެއް ކުރިން ކެންސަލްކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް، އަދި ކެންސަލްކޮށްފައިވާ ޕާސްޕޯޓް ހިފެހެއްޓުމުން ނިކުންނާނެ ގާނޫނީ ނަތީޖާއެއް ވެސް ނެތް," ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިޔައީ އޯޑިނަރީ ޕާސްޕޯޓްގަ އެވެ. އަދި ފުރައިގެން ދިޔައީ ކެންސަލްކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓަން ކުރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު އެ ކޯޓުން ބާތިލްކުރުމުގެ ވެސް ކުރީގަ އެވެ.

ފަނޑިޔާރު ފާހަގަ ކުރެއްވި ގޮތުގައި، އެންމެ ފުރަތަމަ ކުރިމިނަލް ކޯޓުން ހިފަހައްޓައި، އަދި ބާތިލްކޮށްފައިވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓެވެ. އޭރު ވެސް އެ އޮތީ ކެންސަލްކޮށްފަ އެވެ.

ހުކުމުގައި ބުނެފައިވާ ގޮތުގައި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގައި ދައުލަތާއި ތަންފީޒީ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުން ކަމަކަށް ކަމެއް ކުރީ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި ގާނޫނީ ގޮތުން އެ ފަރާތްތަކުގެ ކޮނޑުގައި އެޅިފައިވާ ޒިންމާތައް އެދެވޭ ގޮތެއްގައި އަދާކޮށްފައިވާކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ސަބަބަކީ، ކޯޓުން ވެސް ވިދާޅުވެފައިވާ ފަދައިން، ދައުލަތުގެ ފަރާތުން ޒިންމާތައް އަދާކުރުމަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތްތަކުން އެކަމުގައި ފަރުވާ ކުޑަކޮށް ނަތީޖާއެއް ހާސިލުނުވާނެ މަގުން ކޯޓަށް އައިސް ވަސީލަތްތަކާއި ވަގުތުތައް ބޭކާރުކުރުމަކީ ކޯޓުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމެކެވެ.

"އަލީ ވަހީދަކީ ހަމައެކަނި ފިލާފާނެ ކަމަށް ބެލެވޭ މީހެއް ނޫނެވެ. އަލީ ވަހީދަކީ މިހާރު ވެސް ޝަރީއަތަށް ފިލާފައިވާ މީހެކެވެ. އަދި އަލީ ވަހީދުގެ މައްޗަށް ހުށަހެޅިފައިވާ ދައުވާތަކާ ކުރިމަތިލުމަށް އޭނާގެ ރުހުމުގައި ދިވެހިރާއްޖެ އެނބުރި އައުމަށް ވުރެ ނައުން ގާތް ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ،" އެ ހުކުމުގައިވެ އެވެ.

އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ހައި ކޯޓުން ނިންމިއިރު، އޭނާ މިހާރު ހުންނެވީ ވިސާގެ މައްސަލައެއްގައި އިނގިރޭސި ވިލާތުގައި ހައްޔަރުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ޝަރީއަތަށް އޭނާ ހާޒިރުނުވި މައްސަލާގައި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.

މިމައްސަލާގައި ޕީޖީ ޝަމީމް އަމަލުކުރާ ގޮތާމެދުިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލުމުގައި ސަރުކާރުގެ އަތެއްވާ ކަމަށްވެސް ގިނަ ބަޔަކު ބުނެ އެވެ. އަދި އަލީ ވަހީދު ވަނީ މިކަމަށް ބާރު ލިބޭ ގޮތަށް ވާހަކަވެސް ދައްކަވާފަ އެވެ.