ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން ވަކިކުރަންޖެހޭ ކަމަށާއި އޭނާ އަކީ އެމްއެމްޕީއާރުސީގެ ވަގު ފައިސާގައި ޖެހިފައިވާ މީހެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖެ ވަޑައިގަތް ފަހުން އޭނާ އެނބުރި ވަޑައިނުގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުނު އަމުރު ނެރެ ނުދިނުމަށް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމާއި ގުޅިގެން ކުރި ހުކުމުގައި ބުނެފައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ދައުލަތުގެ ފަރާތުން އެދިފައިވަނީ ކަމަކަށް ކަމެއް ކުރާ އުސޫލުން ކަމަށެވެ.

އަލީގެ ޕާސްޕޯޓްގެ މައްސަލައިގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމުން ހާމަވި ގޮތުގައި ޕާސްޕޯޓް ކުރިން ހިފެހެއްޓި ކަމަށް ދައުލަތުން ބުނަމުން ދިޔަޔަސް، އޭރު ހިފެހެއްޓީ މާ ކުރިން ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެކެވެ. އޭރު ހިފަހައްޓާފައި އޮތީ ޓޫރިޒަމް މިނިސްޓަރު ކަމުގައި އަލީ ހުންނެވިއިރު، އޭނާ އަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ކަމަށާއި އެކަމަކު އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އަލީ ރާއްޖެ އިން ބޭރަށް ފުރައިވަޑައިގަތީ އަމިއްލަ ޕާސްޕޯޓުގައި ކަމަށް ވާތީ އޭނާ އެއްވެސް އިރަކު ފުރުން މަނާކޮށްފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

މިކަމާ ގުޅިގެން އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައި ކޯޓުގެ ހުކުމުން އޭނާއާ ދޭތެރޭގައި ދައުލަތުން ނުވަތަ ޕީޖީންވި އިހުމާލު ދަލީލުކޮށްދޭ ކަމަށާއި ކަމަކަށް ކަމެއް ކުރާ މީހަކު ލައިގެން މުޅި ދައުލަތް ހަރާބު ވެއްޖެ ކަމަށެވެ. އަދި މިމައްސަލަ ބަލާއި ޕީޖީ ޝަމީމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"ފޮތް ނުކިޔާކަން ޔަގީންވޭ. ކަމަކަށް ކަމެއް ކުރާ މީހަކު ލައިގެން ދަޢުލަތް ހަރާބު ވެއްޖެ. މައްސަލަ ބަލާ އޭނާ ވަކިކުރަންޖެހޭ. އޭނާ އަކީ ވަގު ފައިސާގެ ދިފާޢީ ވަކީލު. މަގާމަށް ކުފޫ، އުންސުރު ހަމަނުވޭ،" އަލީ ވަހީދު ވިދާޅުވި އެވެ.

ބޭރަށް ފުރުވާލުމާއި ގުޅޭގޮތުން އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯޓުގައި ޝަމީމް ތާއީދުކުރައްވާފައިވަނީ އޭނާ ބޭރަށް ފުރުވާލަން ކަމަށެވެ. މިކަން ކޯޓުގެ ޝަރީއަތްތަކުގެ އޯޑިޔޯ ރިކޯޑިންތަކުން ހާމަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ކްރިމިނަލް ކޯޓުގަ ޕީޖީ ތާއީދުކުރީ އަޅުގަނޑު ބޭރަށް ފުރުވާލަން. ކޯޓުގެ ޝަރީޢަތުގެ އޯޑިއޯރިކޯޑިންގ އިން މިކަން ކަށަވަރު ކުރެވޭނެ. އާ ޕާސްޕޯޓެއް ހަދާ ފުރަން މަޖުބޫރު ކުރުވީ އެރެއިން އެރެއަށް. ޖޭ.އެސް.ސީ ހިސޯރުކޮށްގެން ދެން މަސައްކަތްފެށީ ފަނޑިޔާރު ހަވަރަށްދީ ހަރާމްހުކުމެއް ކުރުވަން،" މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ރާއްޖެ ދޫކޮށް ދިޔައީ އޭނާ އަށް ދޫކޮށްފައިވާ އޯޑިނަރީ ޕާސްޕޯޓްގަ އެވެ. މި އޯޑިނަރީ ޕާސްޕޯޓަކީ އެއްވެސް އިރެއްގައި ހިފަހައްޓާފައިވާ އަދި ހިފެހެއްޓުމަށް އެދިފައިވާ ޕާސްޕޯޓެއް ވެސް ނޫނެވެ. އެހެންވެ، އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރައިގެން ދިޔައީ ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން ކަމަށް ބުރަވާން ޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން އިއްޔެ ކުރި ހުކުމުގައިވެ އެވެ.

އިނގިރޭސި ވިލާތަށް ވަޑައިގަތް ފަހުން އަލީ ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުނުވި މައްސަލާގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން އެ ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ. އަލީ މިހާރު ހުންނެވީ ވިސާގެ މައްސަލައެއްގައި އިނގިރޭސި ވިލާތުގައި ހައްޔަރު ކޮށްފަ އެވެ.

އިނގިރޭސިވިލާތުގައި އަލީ ވަހީދު ހައްޔަރުކުރި ފަހު އޭނާ އަންނަނީ ސަރުކާރަށާއި ޕީޖީ ޝަމީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓުވީޓް ކުރައްވަމުންނެވެ.