ޑިސްކަވަރީ ޗެނަލްގެ މަޝްހޫރު ރިއަލިޓީ ޝޯ "އިންޓު ދަ ވައިލްޑް ވިތް ބެއާ ގްރިލްސް"ގައި ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން އާއެކު ކުރިއަރަމުން އަންނަ ހުނަރުވެރި ތަރި ވިކީ ކައުޝަލް ވެސް ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބެއާ ގްރިލްސްގެ މަޝްހޫރު ޝޯ "އިން ޓު ދަ ވައިލްޑް"ގެ ދެވަނަ ސީޒަންގެ ޝޫޓިން ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން އަދި ވިކީ ކައުޝަލްގެ ބައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ވ. އަތޮޅުގެ މަޝްހޫރު "ޝިޕްރެކް" ސަރަހައްދުގަ އެވެ. މި ޝޫޓިން ކުރިޔަށް ގެންދިއުމަށް ހަމެޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

https://www.instagram.com/p/CTyQrCLIabH/

ޝޯގެ ޝޫޓިންއަށް ބެއާ ގްރިލްސް އަދި އަޖޭގެ އިތުރުން ޕްރޮޑަކްޝަން ކްރޫ ރާއްޖެ އައިސްފައިވާއިރު ވިކީ އަދި ރާއްޖެ އައި ކަމެއް ނޭނގެ އެވެ.

އެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ވ. އަތޮޅު ކައުންސިލުން ދީފައިވާއިރު އެ ސަރަހައްދަށް އާންމުން ދިއުން ވަނީ މަނާކޮށްފައި އެވެ. އަދި މުޅި ސަރަހައްދުގެ ސެކިއުރިޓީ ފުލުހުން އަންނަނީ ބަލަހައްޓަމުންނެވެ.

އަޖޭއާއެކު ގެނެސްދޭ ޑިސްކަވަރީގެ "އިން ޓު ދަ ވައިލްޑް އެޕިސޯޑް" ބެލުންތެރިންނަށް އެންމެ ފުރަތަމަ ގެނެސްދޭނީ ޑިސްކަވަރީ ޕްލަސް އެޕުންނެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

https://www.instagram.com/p/CR5bni0od4m/

މި ޝޯއަކީ އެޑްވެންޗަރާ އަދި ސަވަވައިވަލިސްޓް، ބެއާ ގްރިލްސް ހުށަހަޅައިދެމުން އަންނަ ޝޯއެކެވެ. މި ޝޯގައި އޭނާއާއެކު ގިނައިން ފެނިގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ފަރާތްތަކެވެ.

ބެއާ ގްރިލްސްއާއެކު 48 ގަޑިއިރު ހޭދަ ކުރަން ޖެހޭ މި ޝޯގައި އަކްޝޭ ކުމާރާއި ރަޖްނީ ކާންތުގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މީގެ ކުރިން ބައިވެރިވެފައިވެ އެވެ.